ކުރިއަށް އޮތް ގަތަރު ވޯލްޑް ކަޕް 2022 އަށް އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިވެފައިވާ އިރު، ބައެއް ކުޅުންތެރިންގެ އަނިޔާގެ ތަފްސީލުތައް މިއަދު އާންމުކޮށްފިއެވެ.

މިއީ ކްލަބު ފުޓުބޯޅައިގެ ސީޒަނުގެ ތެރެއިން ވޯލްޑް ކަޕް އަންނަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިންވެސް ވޯލްޑް ކަޕް ބާއްވާފައިވަނީ ހޫނު މޫސުމުގައެވެ. އެއީ ކްލަބު ފުޓުބޯޅައިގެ ސީޒަން ނިމުމުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް، ފިނި މޫސުމުގައި ބާއްވަން ފީފާއިން ނިންމާފައިވަނީ ގަތަރަކީ ހޫނު ގައުމަކަށްވާތީއެވެ.

ވޯލްޑް ކަޕާ ދިމާކޮށް އަނިޔާގެ މައްސަލަތަކުގެ މާޔޫސްކަން ބޮޑުވެފައިވާ އިރު، އެންމެފަހުން ރޭ އަނިޔާވި ކުޅުންތެރިޔަކީ ސެނެގާލްގެ ތަރި ސަޑިއޯ މާނޭއެވެ. ވޯލްޑް ކަޕަށް އެންމެ 12 ދުވަހަށް ވެފައިވަނިކޮށް ސެނެގާލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ މާނޭއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލުމުގެ ބިރު މިހާރު އެބައޮތެވެ.

ބަޔާން މިއުނިކުން މިއަދު އާންމުކުރި ތަފްސީލުގައި ބުނެފައިވަނީ ކުރިއަށް އޮތް ޝާލްކޭއާ ދެކޮޅަށް ކުޅޭ މެޗުގައި މާނޭ ނުފެންނާނެ ކަމަށާއި، އަނިޔާގެ އިތުރު ތަފްސީލުތައް ހާމަކުރެވޭނީ މިއަދުގެ ސްކޭންތަކަކަށް ފަހުގައި ކަމަށެވެ. ބަޔާނުން އިތުރަށް ބުނީ އެ ކްލަބުން ސެނެގާލް ގައުމީ ޓީމުގެ މެޑިކަލް ޓީމާވެސް މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މާނޭއަށް ވޯލްޑް ކަޕް ގެއްލިދާނެކަމުގެ ބިރު ހީވެފައިވާ އިރު، ޗެލްސީގެ އިންގްލެންޑް ޑިފެންޑަރު ރީސް ޖޭމްސް އިންގްލެންޑް ސްކޮޑުގައި ނުހިމަނާނެ ކަމުގެ ޔަގީންކަން މިއަދު ވަނީ ލިބިފައެވެ. ޗެލްސީން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެެއްލޭނެ ކަމަށް ކުރިންވެސް މީޑިއާތައް ބުނެފައިވާ އިރު، ޖޭމްސް ބުނަމުން ދިޔައީ އޭނާ ފިޓްވާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ރިހިބްލިޓޭޝަނަށް ޖޭމްސް މިހާރުވެސް ޑުބާއީގައި ހުރި އިރު، އޭނާ މިއަދު އިއުލާނުކުރީ ވޯލްޑް ކަޕަށް ކުރަމުން އައި އުންމީދު ހާސިލުނުވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އިންގްލެންޑް ޓީމަށް އެންމެ ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށެވެ.

ހިއުން-މިން ސޮން، މޫނުގެ ސާޖަރީން ރިކަވާވެ ވޯލްޑް ކަޕްގައި ފެންނާނެކަން ދެކުނު ކޮރެއާގެ އެފްއޭއިން މިއަދު ވަނީ ޔަގީންކޮށްދީފައެވެ. އެގައުމުން ވޯލްޑް ކަޕަށް އިއުލާނުކުރި ސްކޮޑުގައި ސޮން ހިމެނިފައިވާ އިރު، ވޯލްޑް ކަޕަށް ރިކަވާވާނެ ކަމަށް އޭނާވެސް ވަނީ ބުނެފައެވެ.

ކޮރެއާގެ ކެޕްޓަން ސޮންގެ މޫނަށް އަނިޔާވެފައިވަނީ ޓޮޓެންހަމްއިން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ސޮންގެ މޫނަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވާ އިރު، ފަހަތުން އަރައި ޓޮޓެންހަމްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ސޮންގެ ވާތު ލޮލުގެ ކައިރީގައިވާ ކަށިގަނޑުގައި ރެނދުލާފައިވުމުގެ އިތުރުން ކަށިގަނޑު ވަނީ ގުޑައިފައެވެ. އެ ކަށިގަނޑުގެ އެޖަސްޓްމަންޓް ރަނގަޅުކުރުމަށް ސޮން، ކޮންމެހެންވެސް ސާޖަރީއަކަށް ދާން ޖެހޭނެ ކަމަށް އޭރުވެސް ޓޮޓެންހަމްއިން ބުނެފައިވެއެވެ.