ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިޓަލީގެ ރޯމަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރައީސް ނަޝީދުގެ މި ދަތުރުފުލަކީ، ހެބިޓަބަލް ޕްރޮޖެކްޓުގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމަނިކުފާނު ކުރަައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދު ރޯމަށް ފުރާވަޑައިގެންފައިވަނީ ކޮޕް27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު އެގައުމުންނެވެ.

ހެބިޓަބަލް ޕްރޮޖެކްޓުގެ މަގުސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި ޑިސްޕްލޭސްމަންޓް ޕެޓާންސްއާ ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށްއޮތް ތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުމެވެ.

ހަތަރު އަހަރަށް (2020 އިން 2024 އަށް) ކުރިއަށްގެންދާ މި ޕްރޮޖެކްޓުގައި 17 ގައުމަކުން 21 ޕާޓްނަރުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ހެބިޓަބަލް ޕްރޮޖެކްޓުގެ ހުރިހާ ބައިވެރިން އެއްވެ، ޕްރޮޖެކްޓް ހިންގުމާ ބެހޭގޮތުން ނަތީޖާ ހުށަހަޅާނެއެވެ.

ރައީސް ނަޝީދަކީ، ހެބިޓަބަލް ޕްރޮޖެކްޓުގެ އެޑްވައިޒަރީ ބޯޑު މެންބަރެކެވެ. މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރާނީ ހެބިޓޭބަލް ޕްރޮޖެކްޓުގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނިވަސިޓީ އޮފް ލީޖްގެ ފަރާތުންނެވެެ.