ފާއިތުވި އޮކްޓޫބަރު މަހު ޑެންގޫހުން ޖެހުނު މިންވަރު އޭގެ ކުރީ މަހާއި އަޅައިބަލާއިރު ތިންގުނައަށް އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޖްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޑެންގޫ ހުން ޖެހުނު މިންވަރު މިދިޔަ މަހު ތިންގުނައަށް އިތުރުވެފައިވާއިރު މި ބަލީގައި މިދިޔަ މަހު އެކަނިވެސް ކުޑަ ދެ ކުއްޖަކާއި ދެ ޒުވާނަކު ވަނީ މަރުވެފައެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 260 މީހުންނެވެ. ނަމަވެސް އޮކްޓޫބަރު މަހު އޭގެ ތިންގުނަ ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރު މަހު 626 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 8 މީހެކެވެ. އޮކްޓޫބަރު މަހު މިބަލި ޖެހިގެން ރިޕޯޓުކުރީ 10 މީހުންނެވެ. އެހެންކަމުން މިއީ 610 ކޭސްގެ އިތުރުވުމެކެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ޑެންގޫ ހުން ޖެހޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ އިރު، ޑެންގޫހުން ފަތުރާ މަދިރިން ރައްކާތެރިވުމަށް ޑޮކްޓަރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. އެގޮތުން ސެޕްޓެމްބަރު މަހު 33،584 ކޭހެއް ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ މަހު 31،750 ކޭސް އެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 1267 ކޭސް އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު އޮކްޓޫބަރު މަހުގައި އިންފުލުއެންޒާއަށް ޓެސްޓު ކުރެވުނު އަދަދު ވަނީ މަދުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 185 މީހަކު އިންފުލުއެންޒާއަށް ޓެސްޓުކޮސްފައިވާއިރު އޭގެ ތެރެއިން 53 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޮކްޓޫބަރުމަހު ޓެސްޓުކުރި 169 މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 8 މީހުންނެވެ. އޭގެއިތުރުން މިއަހަރު މިހާތަނަށް އިންފުލުއެންޒާއަށް 1203 މީހަކު ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 134 މީހުންނެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭރަށް ހިންގުމުގެ 3،533 ކޭހެއް ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ މަހު 3،820 ކޭހެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީވެސް ކުރީ އަހަރާ އަޅައި ބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 1408 ކޭހެވެ. އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައި ވަނީ 1717 ކޭސްއެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ މަހު ލޮލުރޯގާ އާއި ފާނަބަސަންދާއި، ހޭންޑް ފުޓް އެންޑް މައުތު ޑިޒީސްފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރާ ބަލައި އިތުރުވެފައިވާ ކަމަށެވެ.