ޚަބަރު

2023ގެ ބަޖެޓް: ހިމަނާފައިވާ ޕްރޮޖެކްޓްތަކުގެ ސަބަބުން އިގްތިސާދު 3 ގުނައަށް އިތުރުވާނެ: އަމީރު

އިބްރާހިމް ޒަކީ

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އަންނަ 2023 އަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި 8.4 ބިލުިޔަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން 4.2 ބިލިޔަން ރުފިޔާއަކީ މިހާރުވެސް ފަންޑެޑް ޕްރޮޖެކްޓްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ރައްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދާނެ ބޮޑެތި އިންފްރާންސްޓްރަކްޗާ ޕްރޮޖެކްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމާއި، ތިލަމާލެ ބުރިޖާއި އޭގެ އިތުރުން ރާއްޖޭގެ ކޮމާޝަލް ޕޯޓު ބަދަލު ކުރުމާއި މި ހުރިހާ މަސައްކަތަކީ، ހަގީގަތުގައި ރާއްޖޭގެ އިގްތިސާދު މިހާރު މިހުރި، ގާތްގަނޑަކަށް ހަ ބިލިޔަން ޑޮލަރުގެ އިގްތިސާދު ތިންގުނައަށް އިތުރުވެގެންދާނެ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، "ޖުމުލަކޮށް 2023 ވަނަ އަހަރު ހުށަހަޅާފައިވާ އެންމެ ބޮޑެތި އަމާޒު ތަކަކީ އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައި އޮތް ނެޝަނަލް ސްޓްރީޓިޖިކް އެކްޝަން ޕްލޭނާއި ނެޝަނަލް ރެޒިލިއަން އެންޑް ރިކަވަރީ ޕްލޭންގައި ވާ ކަންކަން ނިންމުން، އޭގެ އިތުރުން އަަސާސީ ހިދުމަތްތަކާއި، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން، އޭގެ އިތުރުން ރާއްޖޭގެ ޕްރޮޖެކްޓިވް ކެޕޭސިޓީ އިތުރު ކޮށްދޭފަދަ ބޮޑެތި މަޝްރޫއުތައް ނިންމުން، އަދި ދުރު އަދި މެދުރާސްތާގައި، ފިސްކަލް ދެމެހެއްޓެނިވި ކަން ކަށަަވަރުކޮށްދިނުން،" ކަމަށެވެ.