އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގުރާމުގައި މޫސަ މިއަދު ވިދާޅުވީ، އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ކަމަށެވެ. އަދި، ހިޔާލު ތަފާތުވުން ތަކާއެކުވެސް އެމްޑީޕީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ރައީސް ނަޝީދު ނުކުމެވަޑައިގަތަސް (އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަަކުރެއްވިޔަސް) ދޭތެރެޖެހޭ ގޮތަށް އެއްވެސް ވާހަކައެއް އެއްވެސް މީހަކު ދައްކައިގެން ނުވާނެ. އެ ވާހަކަ ދެއްކިޔަކަ ނުވެސް ދޭނަން. އަޅުގަނޑުގެ ވިސްނުން ބޮޑަށް ހުރީ ރައީސް ނަޝީދު ނުކުމެވަޑައި ނުގަންނަވާނެއޭ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރައްވަނީ އެ މަނިކުފާނުގެ ޑެލިވަރީ ރަނގަޅު ކަމުން ކަމަށާއި ރާއްޖޭގެ ވެރިކަމަށް ގެންނަން އެމްޑީޕީން ވިއްކަން އޮތް އެންމެ ރަނގަޅު ޕްރޮޑަކްޓަކީވެސް ރައީސް ސޯލިހު ކަމަށެވެ.
ދެ ފެކްޝަނެއް އުފެދި ކޯޅުން ބޮޑުވެފައިވާ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް ޝައުގުވެރިވާކަން ބައެއް ބޭފުޅުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެގޮތުން އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ސޯލިހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓު ނަމަ، އެމްޑީޕީ ބަލިވުން ވަރަށް ގާތެވެ. އެހެންވެ، އެ މަނިކުފާނަށް ތާއީދުކުރެވެން ނެތް ކަމަށްވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު