ޖަރުމަނު ބުންޑަސް ލީގާގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި ސެނެގާލްގެ ތަރި ސަޑިއޯ މާނޭއަށް އަނިޔާވެއްޖެއެވެ.

ބަޔާނުން ރޭ އަމިއްލަ ދަނޑުގައި ވާޑާ ބްރެމެން ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޔާންގެ ގޯލުތައް ޖަހައިދިނީ ޖަމާލް މުސިއާލާއާއި ސާޖް ނަބެރީގެ އިތުރުން ލެއޯން ގޮރެޓްސްކާ އަދި މެތީސް ޓެލްއެވެ. މެޗުގައި ނަބެރީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ވާޑާ ބްރެމެންގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ އެންތޮނީ ޖަންގެވެ.

ބަޔާނުން މިވަގުތު ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ފްރޭބާގަށް 13 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގެ ތިންވަނައިގައި އޮތް ޔޫނިއަން ބާލިންއަށް 13 މެޗުން 26 ޕޮއިންޓް ލިބިފައިވެއެވެ. މިދިޔަ ސީޒަނުގެ ލީގަށް ބަޔާނާ ވާދަކުރި ބްރޫޝިއާ ޑޯޓުމަންޑް ހަތަރުވަނައިގައި އޮތީ 14 މެޗުން 25 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގައި ބަޔާނަށް ކުރިމަތިވި އެންމެ ބޮޑު މަޔޫސްކަމަކީ އުމުރުން 30 އަހަރުގެ މާނޭއަށް އަނިޔާވުމެވެ. މެޗުގެ 20 މިނެޓުގައި މާނޭގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއާއެކު އޭނާ ދަނޑުން ބާލާފައިވާ އިރު، އެއީ ސެނެގާލަށް ބޮޑު މާޔޫސް ކަމެކެވެ.

ވޯލްޑް ކަޕަށް އެންމެ 12 ދުވަހަށް ވެފައިވަނިކޮށް ސެނެގާލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ މާނޭއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލުމުގެ ބިރު މިހާރު އެބައޮތެވެ. މާނޭގެ އަނިޔާގެ ތަފްސީލު ބަޔާނުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާނޭއަކީ ދުނިޔޭގައި މިވަގުތުވެސް ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. ހާއްސަކޮށް އޭނާއަކީ ސެނެގާލް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެންމެފަހުން ސެނެގާލުން މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ނެގި އިރު، މާނޭއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ސެނެގާލް ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް އޭގައެވެ. އެގައުމުގެ ފުރަތަމަ މެޗުގައި 21 ވަނަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އެ ގްރޫޕުގައި ދެން ހިމެނެނީ އެކުއެޑޯއާއި ހޯސްޓް ގަތަރެވެ.