ޚަބަރު

ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ އޮންނަ އުސޫލުން ހާމަކުރާނެ: ޝާހިދު

މުހައްމަދު އިޝާން

ޗާގޯސް މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގަނައުތްއަށް ފޮނުއްވި ސިޓީފުޅު، އޮންނަ އުސޫލުގެ ތެރެއިން ސަރުކާރުން ހާމަކުރާނެ ކަމަށް ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.

އެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނީ އދ. ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސް ކޮޅަށް ވޯޓު ދޭން ނިންމާފައިވާކަން އަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޮރިޝަންގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުވައިފައި ކަމަށެވެ. އެއާއެކު އެ ސިޓީ ހާމަކުރަން ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެ ސިޓީފުޅު ހާމަކުރެވެން ނެތް ކަމަށެވެ. އެ ސިޓީ ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

ޗާގޮސް މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، "އެ ސިޓީފުޅު ސަރުކާރުން އެފަދަ ލިޔެކިޔުންތައް ހާމަކުރުމަށް އޮންނަ އުސޫލުން ސަރުކާރުން ހާމަކުރައްވާނެ" ކަމަށެވެ.

ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅުގެ ކުޑަ ތަފުސީލެއް ދެއްވަމުން ޝާހިދު ވިދާޅުވީ އެ ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ޗާގޯސް މައްސަލައިގައި އދ. އިން ވޯޓެއް ނަގައިފިނަމަ، ރާއްޖެއިން އެކަމާ ދެކޮޅު ނުހަދާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ ގަރާރެއް އދ. ގެ މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ގަރާރާ ދެކޮޅު ނުހައްދަވާނެ ކަމަށް. އެއީ އިސްތިއުމާރީ ބާރުތަކުން މިނިވަންކުރަން ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާތީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޗާގޯސް މައްސަލައިގައި މި ސަރުކާރުން އަމަލުކުރަމުން ދަނީ ކުރީ ސަރުކާރުތަކުން ވެސް އަމަލުކުރި ގޮތަށް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެކެވެމުންދަނީ، އެކަމުގެ ހަގީގަތް އެނގޭ ބޭފުޅުން ވެސް އޮޅުވާލަމުންދާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރާއްޖެއިން ބައެއް ވިއްކާނުލާނެ ކަމަށާއި ރާއްޖެއިން އެންމެ ވެލި ފުކެއް ވެސް ނުގެއްލޭގޮތަށް ރައީސް ސޯލިހު މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުން މި މައްސަލަ ހައްލުކޮށްފައި އޮތް ނަމަ އަޅުގަނޑުމެންނަށް މިކަމުގައި އުޅޭކަށް ނުޖެހުނީސް. އެއްވެސް ކަމެއް ސަރުކާރުތަކުން ނުކޮށް އޮތީމަ ކުރަން ޖެހިފައި މި އޮތީ. އިރާދަކުރެއްވިއްޔާ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެ ސަރަހައްދުން ވެލިފުކެއް ވެސް ދުލެއް ނުކުރާނެ. އަޅުގަނޑުމެން މި ތިބީ އެއަށް ވުރެ ސާބިތުކަންމަތީގައި،" ޝާހިދު ވިދާޅުވިއެވެ.

ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްތޯ ބަލާއިރު އެންމެ ދުވަސްވީ ލިޔުމަކަށް އޮތީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ ލިޔުމެއް ކަމަށާއި އޭނާ އަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުންނަވައި ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގީޒުން ފޮނުއްވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށެވެ. އެ ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.