އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ އެޕާޓީއަށާއި އެމަނިކުފާނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މުލިއާގޭގައި މިއަދު ބޭއްވި ހަފުލާއެއްގައި މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
އެ ރަސްމިއްޔާތުގެ ފޮޓޯއެއް ހިއްސާކުރައްވައި ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. ރައީސް ވަނީ މޫސަ، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވުން މަރުހަބާ ވިދާޅުވެފައެވެ.
"އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ޗެއާޕާސަން މޫސަ، މިޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ މިޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް،" ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ.
މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ފޯމް ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް (އަންދުން ހުސެއިން) އަދި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރީކޯ މޫސާގެ ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީންނެވެ. ރައްޔިތުން މަޖިލީހުގައި ތިން ދައުރެއް ފުރިހަމަ ކުރައްވާފައިވާ ރީކޯ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވައިފައެވެ. އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހުމަދު ފާއިޒް ވަކިކުރަން ވޯޓު ދެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ރީކޯ، އޭރުގެ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
އެ ޕާޓީއާ ގުޅިވަޑައިގެން ރީކޯ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެ މަނިކުފާނު ސަރުކާރު ހިންގަވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވައިފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރީކޯ ވަނީ ޔާމީނަށް ކެމްޕޭން ކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާ ގުޅިގެން ރީކޯ ވަނީ ޕީޕީއެމްގެ ހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގެންފައެވެ. ފަހުން ރީކޯ ގެންދެވީ ރައިސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ. ރީކޯ ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ބޭނުންވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު