ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑާއި ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު މިދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު ކޮވިޑް ޖެހިގެން 185 ކޭސް ރިޕޯޓު ކޮށްފައިވާ އިރު، ފާއިތުވި އޮކްޓޯބަރު މަހު 328 ކޮވިޑް ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ކޮވިޑް-19ގެ އާ ވޭރިއަންޓްތަކެއް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުންދާތީ، ކޮވިޑް-19 އިން ތިމާ އާއި އާއިލާ އަދި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދު ވެސް ސަމާލުވުމަށް އިލްތިމާސް ކުރަން،" އެޗްޕީއޭއިން ބުންޏެވެ.
- އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އަވަހަށް ޓެސްޓް ކުރުން
- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ، މާސްކު އެޅުން
- އާންމު ތަންތަނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުން
- ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރުން
- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އެޅޭ ތަންތަނަށް ނުދިޔުން
- ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން
- ކޮވިޑް ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓާ ޑޯޒު ޖެހުމަށް ޝަރުތުހަމަވާނަމަ، ބޫސްޓާ ޑޯޒު ފުރިހަމަ ކުރުން
- ބަލި ޖެހުމުން ނުރައްކާވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައި ވެސް މާސްކު އަޅައިގެން އުޅުން
- ބަލި ވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލި މީހާއާ އެކު މަދު މީހުން ދިއުން،
- ބަލި މީހުންނަށް ޒިޔާރަޔް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން
- ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން
ކޮންމެ ހަފުތާއަކު އެޗްޕީއޭ އިން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ރާއްޖެއިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި މަހުގެ ފުރަތަމަ ހަފުތާގައި މި އަދަދު ވަނީ 90 އަށް އަރައިފައެވެ. އޮކްޓޯބަރު ފަހު ހަފުތާގައި 16 މީހަކު އެޑުމިޓުކޮށްފައިވާ އިރު، މި މަހުގެ ފުރަތަމަ ހަފުތާގައި މިއަދަދު ވަނީ 25 އަށް އަރައިފައެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ކޮވިޑުގެ އަދަދުތައް އިތުރުވަމުންދާ ކަމަށާއި އެޑުމިޓްކުރާ ރޭޓުވެސް އިތުރުވަމުންދާ ކަމަށެވެ. މިވަގުތު އައިސީޔޫގައި އެކަކަށް ފަރުވާދެމުން އަންނަ ކަމަށާއި ވެންޓިލޭޓަރުގައި މީހަކު ނެތް ކަމަށެވެ.
މުޅި ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 185،454 އަށް އަރާފައިވާ އިރު، މިހާތަނަށް ކޮވިޑުގައި ރާއްޖެއިން 309 މީހަކު ވަނީ މަރުވެފައެވެ. އެގޮތުން މިމަހުގެ ތިންވަނަ ދުވަހު ގުރައިދޫ މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 46 އަހަރުގެ އަންހެނަކާއި 86 އަހަރުގެ ފިރިހެނަކު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ. އަދި ހަރަކާތެއް ނެތިގެން އިއްޔެ އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދިޔަ 82 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރޭގެ ވަގުތެއްގައި މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދިޔަ 87 އަހަރުގެ ފިރިހެނަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު