ޚަބަރު

ކޮވިޑް ނަންބަރުތައް މައްޗަށް، 25 މީހަކު އެޑްމިޓްކޮށްފައި، އެކަކު އައިސީޔޫގައި!

ރިފާ ހަލީލު

ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވާން ފަށާފައިވާއިރު 25 މީހަކަށް އެޑުމިޓުކޮށް ފަރުވާދޭން ފަށައިފިއެވެ.

ކޮންމެ ހަފުތާއަކު އެޗްޕީއޭ އިން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ރާއްޖެއިން ކޮވިޑަށް 84 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި މަހުގެ ފުރަތަމަ ހަފުތާގައި މި އަދަދު ވަނީ 90 އަށް އަރާފައެވެ. އޮކްޓޯބަރު ފަހު ހަފުތާގައި 16 މީހަކު އެޑުމިޓުކޮށްފައިވާއިރު މި މަހުގެ ފުރަތަމަ ހަފުތާގައި މިއަދަދު ވަނީ 25 އަށް އަރާފައެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ކޮވިޑުގެ އަދަދުތައް އިތުރުވަމުންދާ ކަމަށާއި އެޑުމިޓްކުރާ ރޭޓުވެސް އިތުރުވަމުންދާ ކަމަށެވެ. މިވަގުތު އައިސީޔޫގައި އެކަކަށް ފަރުވާދެމުން އަންނަ ކަމަށާއި ވެންޓިލޭޓަރުގައި މީހަކު ނެތް ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މިދުވަސްވަރު ހުމާއި ރޯގާވެސް އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

މުޅި ރާއްޖެެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 185،454 އަށް އަރާފައި ވާއިރު، މިހާތަނަށް ކޮވިޑުގައި ރާއްޖެއިން 309 މީހަކު ވަނީ މަރުވެފަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑުގައި އިއްޔެ ވަނީ މީހަކު މަރުވެފައެވެ.