ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިފަހަރު ތާއީދު ކުރެއްވޭން ނެތް ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާ އިރު، ކުރިޔަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި އެ ޕްރައިމަރީ ބާއްވާނެ ކަމަށް ޕާޓީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ރައީސް ސޯލިހު ދާދި ފަހުން ފާހަގަކުރައްވައިފައިވާ ގޮތުގައި، 2023 ގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާން ބޭނުން ނަމަ އެ މަނިކުފާނަކީ "ޗޮއިސް" އެކެވެ.

ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުގައި ވިދާޅުވި ގޮތުގައި، ރައީސް ސޯލިހަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓު ނަމަ، އެމްޑީޕީ ބަލިވުން ވަރަށް ގާތެވެ.

"ރައީސް ސޯލިހަކީ ކެންޑިޑޭޓު ނަމަ އެމްޑީޕީ ބަލިވުން ވަރަށް ގާތް. ހުރިހާ ބޭފުޅުންވެސް ވިސްނަވާ! ޕާޓީ އާއި ރާއްޖެ މުހިންމު ވާން ޖެހޭނެ. މީހަކު ފަހަތުން އުޅުން ރަނގަޅެއް ނޫން" ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން މެސެޖެއްގައި ވިދާޅުވީ "މި ފަހަރު ރައީސް ސޯލިހަށް ތާއީދު ކުރެވޭކަށް ނެތް" ކަމަށެވެ.

އެންމެ ފަހުން އޮތް އެމްޑީޕީގެ ކޮންގުރެހުގައި ވެސް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރު އެންމެ ފަހު ވަގުތު އެޖެންޑާއިން ނެގީ ފަހުން މަޝްވަރާ ކުރައްވާނީ ކަމަށް ވިދާޅުވެ އެވެ. އެ މަނިކުފާނު ބޭނުންޅު ވަނީ ރިޔާސީ އިންތިހާބުގެ ކުރީން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ބޮޑު ވަޒީރުކަން ދެއްވުމެވެ. ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވުމެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގަވާނީ ބޮޑު ވަޒީރެވެ.

ރައީސް ސޯލިހަށާއި މި ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް ނަޝީދު މީގެ ކުރީންވެސް އެކި ފަހަރު މަތީން ވިދާޅުވެފައި ވެއެވެ.