Close
ރިޕޯޓް

ދަންވަރު ޕަބްޖީކުޅެން ދޫކޮށްލި ކުޑަ ފިރިހެންދަރިފުޅު ޖެހުނީ ބޮޑު ފިރިހެނެއްގެ ދަލުގައި!

މަރިޔަމް ޝަފާ އިބްރާހިމް

3

ވިޔަފާރިކޮށްލައިގެން ފިހާރައިން ނުކުތްތަނާހެން ދިމާވީ ސުކޫލު ދައުރުގެ ރައްޓެއްސަކު އޭނާގެ ދަރިފުޅު ސުކޫލަށް ލާފައި ގެއަށް ދަނިކޮށެވެ. ހާލުއަހުވާލުގެ ވާހަކަ ދައްކަމުން ގޮސް ދަރިންގެ ވާހަކަވެސް ދެކެވިއްޖެއެވެ. އެކުވެރިޔާގެ ހުންނަނީ އެންމެ ކުއްޖެއްކަމުން ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވާނެތީ، އެކަމާ އުފާވާ ވާހަކަ ބުނެލީމެވެ. އަދި މިހާރުގެ ބައެއް ބެލެނިވެރީންހެން ކުދީން ކުޅެއް ފޯނު ދެންތޯ އަހައިލީމެވެ.

"ނޫނޭ ފޯނުވެސް ދެން. ބަލަން ޖެހޭ ކަންތައްތައް ބަރާބަރަށް ބަލާފަ ދެނީ. ދަރިފުޅުމެންގެ މިހާރުގެ ކިޔެވުމަށް އިންޓަނެޓުވެސް ވަރަށް މުހިންމުވިއްޔަ."

ހައިރާންވެފައި އެކުވެރިޔާ ކުއްލިއަކަށް އަހާލީ އަހަރެންގެ ހަގު ދެބޭން ޕަބްޖީ ކުޅޭތޯއެވެ. އެކަހަލަ ގޭމްތަކަށްވުރެ ކިޔެވުމަށް ބޭނުންވާ މައުލޫމާތާއި އެހެނިހެން ޕަޒުލް، ވޯޑްގޭމްސް ކުޅެން ފޯރި ހުރެއޭ ބުނުމުން ވަރަށް ދެރަވެފައި ވާހަކައެއް ބުނަންހޭ އަހާލިއެވެ.

ޒަރާނާ (އަސްލުނަމެއްނޫން)ގެ ނުވަ އަހަރުގެ ފިރިހެންދަރިފުޅާއެކު އުޅެމުންދިޔައީ އެއްކޮޓަރިއާއި ސިޓިންގރޫމެއްގެ ކުޑަ އެޕާޓްމަންޓެއްގައެވެ. ދަރިފުޅުގެ ބައްޕައާއި ވަކިވެގެން އުޅޭތީ ގޭގައި ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރުމުގެ ގޮތުން ޒަރާނާ ރޮށިފިހުމުގެ މަސައްކަތް ކުރަން ފެށިއެވެ. ދަރިފުޅު އޮންނަނީ ހުރިހާ ވަގުތަކުވެސް ކޮޓަރީގައެވެ. ޒަރާނާގެ ހުރިހާ ވަގުތެއްހެން ހޭދަވަނީ ސިޓިންރޫމާއި ބަދިގެތެރޭގައެވެ. ކޮވިޑުގެ ހާލަތުން އަރައިނުގަނެވިގެން އުޅޭތީ، ސުކޫލުތަކުގެ ކިޔެވުން އޮތީ އޮންލައިންކޮށެވެ. އެދުވަސްވަރު ގޭގެއިން އޯޑަރު އަންނަ އެކިކަހަލަ ކާތަކެތީގެ ޕެކްތައް ތައްޔާރުކުރުމާވެސް ޒަރާނާ ހަވާލުވީ އިތުރަށް އާމްދަނީ ހޯދަން ބޭނުންވާތީއެވެ.

ދަރިފުޅު އަބަދު ޕަބްޖީ ކުޅުމުގައި ރޭދުވާ ހޭދަކުރަމުންދިޔައިރު ޒަރާނާއަށް ސަމާލުކަމެއް ނުދެވެއެވެ. ސަބަބަކީ ދަރިފުޅު ގެންގުޅޭ ފޯނު ހޯދައިގެން އެއިން ހާވައި ބަލާނެ އެއްޗެއް އޭނައަށް ނުވެސް އެނގޭތީއެވެ. ކުއްޖަކު އެހެން ގޭމް ކުޅެން އޮތުމަކުން ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް އޭނާއަށް ހީވެއެވެ. ދިރާސީ އަހަރު ނިމެންވާއިރަށް ދަރިފުޅަށް ދީފައި ހުރި ހޯމްވޯކްސްތައް ހަދަން ޖެހުނު ހިސާބުން ޒަރާނާފަކީރުގެ ބޮލުގައި އެއްޗަކުން ޖެހިކަހަލައެވެ. ހަދާނެ ގޮތް ހުސްވީ އެ ހޯމްވޯކުތައް ފުރިހަމަ ނުވެއްޖެއްޔާ ދަރިފުޅު ގްރޭޑް ބަދަލު ނުވެދާނެތީއެވެ. ނަސީބު ވަރަށް ރަނގަޅެވެ. ޒަރާނާ ކުރީގައި ކެފޭއެއްގައި އުޅުނުއިރު ފެނިދެނިވެ އެކުވެރިވި ޒުވާން ކުއްޖަކު އެކަން ކޮށްދޭން އެއްބަސްވެއްޖެއެވެ. ޒަރާނާ އެކަނި އުޅޭތީ އެ އެކުވެރިޔާ ގެއަށް އައިސް އުޅުމަށްވެސް އެއްބަސްވިއެވެ.

ގެއަށް އައި އެކުވެރި އަންހެންކުއްޖާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ރޭގަނޑު ދަންވިދަންވިހެން ފޯރިގަދަ ވަމުންދިޔަ ކުޑަކޮއްކޮގެ ޕަބްޖީ ގޭމްކުޅުމެވެ. ފިލާވަޅަކަށް އެހެންކަމަކަށް ސަމާލުކަމެއް، މީހަކު ދައްކާ ވާހަކައަކަށް އަޅައިލުމެއް އިވޭކަމަށް ނުހެދި ކުޅެވެމުންދިޔަ ގޭމްތަކެވެ.

އެކުވެރިޔާގެ މި އިޝާރާތް ޒަރާނާއަކަށް ކަމަކު ނުދިޔައެވެ. ދަރިފުޅުގެ އެއްވެސް ކަމެއް އެބުނާހާ ގޯސްވާނީ ކިހިނެއްހެއްޔެވެ. އެއީ ގެއިން ބޭރަށްދާ ކުއްޖެއް ނޫނެވެ. ނުވިތާކަށް ވިޔާނުދާ ބަހެއްވެސް ބުނެނުލާ ކުއްޖަކު ރޭގަނޑު ދަންވަރު މެސެންޖާއިން ޗެޓް ކުރާނެ ހެއްޔެވެ. އެވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އަދި ފިރިހެންކުދިންނާ ގާތްކަން އުފައްދަން ބޭނުންވާ ބޮޑު ފިރިހެނަކާ އޭނާގެ ދަރިފުޅެއް ވާހަކައެއް ނުދައްކާނެއެވެ.

އާހިރުގައި އެކުވެރިޔާ ދަރިފުޅަށް ފާރަލައި އެދެމައިންގެ އަގުވައްޓާލަން އުޅެނީކަމުގެ ތުހުމަތުގައި އެއްރެއަކު ޒުވާބުކޮށް ހަމަ މާދަމާ މިގެއިން ދިއުމަށްވެސް ބުނެފިއެވެ. އަނެއް ދުވަހުގެ ހެނދުނު ހެނދުނާ އެކުވެރިޔާ އެގެއިން ހިނގައްޖެވެ. ދަރިފުޅު ކޮށްފައި ހުރި ޝަކުވާތައް ގަބޫލުކޮށްގެން ޒަރާނާ އެކުވެރިޔާއާ ދިމާއަށް ގޮވާލީ ވަރަށް ދަށްފަންތީގެ ހުތުރުބަސްތަކެވެ.

ފަހުން ދަރިފުޅުގެ ފޯނު ޗެކްކޮށްލީ ޒަރާނާއަށް ބަޔަކު އަޑުއިއްވި ކޯލަކަށްފަހުގައެވެ، އިސްޖަހައި ލަދުން ރޯން ޖެހުނީ ޒަރާނާއެވެ. ދަރިފުޅު ސަލާމަތް ކުރެވުނީ ހަމަކިރިޔާއެވެ. ޒަރާނާ އެގެއިން ނެރެ އެއްލާލި އަންހެންކުއްޖާ ޕޮލިހަށް ފޮނުވާފައި ހުރި އޯޑިޔޯ ކްލިޕްސްތަކެވެ. ޒަރާނާގެ ދަރިފުޅު ހައްދަން އެ ފިރިހެންމީހާ ޕަބްޖީ ކުޅުމަށް ދަހިވެތިވެ "ޕާޓްނަރެއް" ނުލިބިފައި ހުރި ކުއްޖާއަށް އެކަން ކޮށްދެމުން ދައްކާފައި ހުރި ވާހަކަތަކާއި ކޮށްފައި ހުރި މެސެޖުތައް އިވި ފެނުމުން ޒަރާނާއަށް ހަމަ ބާރަށް ރޮއިގަނެވުނެވެ.

އިތުރަށް އެންމެ ރެއެއް ވޭތުވި ނަމަވެސް އެމީހާއާ އެކު ޒަރާނާގެ ދަރިފުޅު ގެއިން ބޭރަށް ނުކުތީހެވެ. ދެން ޒަރާނާއަށް ފެނުނީހީ އޭނާގެ ދަރިފުޅުވެސް ކޮންމެވެސް ގޭންގްސްޓާރަކަށް، ކޮންމެވެސް ގޭންގެއްގެ "ބޯއީ" އަކަށް ވެފައި ހުއްޓައެވެ. އެކުވެރިޔާ ރޭގަނޑު ދަންވަރު ދަރިފުޅަށް ފާރަލިކަން ނަސީބެވެ. އެގޮތަށް ދަރިފުޅަށް ފާރަލައި، ފޯނު ރެކޯޑިން ހަދައި ފުލުހުންނަށް އެ މީހެއްގެ ނަންބަރުދީ ރިޕޯޓު ނުކުރިނަމަ ދެންވާނޭ ގޮތް ނިކަން ހިޔާލަށް ގެނެސްބަލާށެވެ.

ޒަރާނާ ކިޔައިދިން ވާހަކައިން އޭނާއަށް އެލިބުނު ހިތްހަމަޖެހުމަކީ، އޭނާގެ ދަރިފުޅު އެވަރުގެ ކަމަކުން ސަލާމަތްކޮށްދިން އަންހެންކުއްޖާއާ ބައްދަލުވެ މައާފަށް އެދުމަށް ހިތްވަރު ލިބުމާއެކު، ސިކުނޑިން އެވާހަކަ ނެރެ އަނެކަކަށް އިބްރަތަކަށް ކިޔައިދެވުނީތީ ލިބޭ ހަމަޖެހުމެވެ.

ތެދެކެވެ. ދަރިން ސޯޝަލް މީޑިޔާގެ އެކި ދިމަދިމާލުން އެކި ގޮތްގޮތަށް ޝައުގުވެރި ކުރުވައިގެން ވިޔާނުދާ ކަންކަމުގެ ތެރެއަށް ގެންދާ އެކިކަހަލަ މީހުން ގިނައެވެ. ކުދިން ކުރާ ކަންތަކަށް ވަރަށްބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ނިދާފައި ނުތިބޭށެވެ. ދަރިންނާމެދު، ޒަމާނާމެދު ދެލޯ ރަނގަޅަށް ހުޅުވައި ވިސްނައިގެން އުޅޭށެވެ. ހުރިހާ ފަހަރަކު ޒަރާނާއަށް އެލިބުނުކަހަލަ އެކުވެރިއަކު އެންމެނަށް ނުލިބިދާނެއެވެ. ހުރިހާ ފަހަރަކު ދަރިފުޅު ސަލާމަތް ނުކުރެވިދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟