އިނގިރޭސި ޕްރިމިއާ ލީގު

ޑާބީގައި ޗެލްސީ ބަލިކޮށް، އާސެނަލް އަނެއްކާވެސް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ލަންޑަން ޑާބީގައި ޗެލްސީ ބަލިކޮށް، އާސެނަލް އަނެއްކާވެސް ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އާސެނަލުން ޗެލްސީ ދަނޑުގައި މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު އެޓީމުން ވަނީ އަނެއްކާވެސް މެންޗެސްޓާ ސިޓީގެ މައްޗަށް ތާވަލުގައި ޖެހިލައިފިއެވެ. އާސެނަލުން މިހާތަނަށް ލީގުގައި ކުޅުނު 13 މެޗުން 34 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ސިޓީއަށް 13 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ.

މެޗުން ބަލިވި ޗެލްސީ އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރު، 13 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ. ޗެލްސީ އޮތީ ހަތްވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަން އެންމެ ފޯމު ރަނގަޅުކޮށް ފެށި އާސެނަލުން ޗެލްސީ ދަނޑުގައި ހޯދި މޮޅާއެކު އެޓީމުން 14 ވަނަ ޕްރިމިއާ ލީގު ތަށްޓަށް ކުރަމުން އަންނަ އުންމީދަށް ވަނީ ބޮޑު ހިތްވަރެއް ލިބިފައެވެ. 2016 ވަނަ އަހަރުން ފެށިގެން އިނގިރޭސި ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައިވެސް އާސެނަލް ހިމެނިފައި ނުވާ އިރު، އެޓީމުން އެންމެފަހުން ލީގު ހޯދީ 2003-04 ވަނަ އަހަރުގެ ސީޒަނުގައެވެ. އެފަހަރު އާސެނަލުން ލީގު ހޯދީ މެޗަކުން ބަލިނުވެއެވެ. އޭގެ ފަހުން މިއީ އާސެނަލުން އެންމެ ރަނގަޅަށް ފެށި ސީޒަނެވެ. މިކޭލް އާޓެޓާއެކު އާސެނަލް މިހާރު ފެންނަނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.

މިހާތަނަށް މި ސީޒަނުގައި އާސެނަލުން ޗެލްސީ އާއި ލިވަޕޫލްގެ އިތުރުން ޓޮޓެންހަމްވެސް ބަލިކޮށްފައިވެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ކޮޅުން ފެށިގެންވެސް ރަނގަޅު ހަމަލާތައް އުފެއްދީ އާސެނަލުންނެވެ. ޗެލްސީ ކައިރީ ޑޮމިނޭޓިން ފުޓުބޯޅައެއް އާސެނަލުން ކުޅުނު އިރު، ޗެލްސީއަށް ކުރިއަށް ޖެހި އެޓޭކްތަކެއް ކުރަން ވަނީ އުނދަގޫވެފައެވެ. ހާއްސަކޮށް އާސެނަލްގެ ޑިފެންސުން ވިލިއަމް ސަލީބާ ދެއްކި ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. އާސެނަލަށް ކުރިން ކުޅެ، މިހާރު ޗެލްސީ ޖާޒީގައި ކުޅެމުންދާ ޕިއޭ އެމްރިކް އަބަމަޔާންއަށް އާސެނަލް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ގެބްރިއަލް ޖީސަސްއަށް ލިބުނު ހުސް ފުރުސަތެއް އޭނާ ޑައިވިން ހެޑާއަކަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އަދި އޭގެ ފަހުންވެސް ނުރައްކާ ކުރަމުންދިޔަ އާސެނަލްގެ ގެބްރިއަލް މާޓިނެލީގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.

އޭގެ އިތުރުންވެސް ޖީސަސްގެ ދެ ހަމަލާއެއްގެ ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ބްލޮކް ކުރި އިރު، އާސެނަލް ލީޑު ނެގީ 63 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ކޯނަރަކުންނެވެ. ބުކަޔޯ ސަކާ ޕެނަލްޓީ އޭރިއާ ތެރެއަށް ކާވް ކޮށްލި ކޯނަރު ޗެލްސީގެން ދެ ކުޅުންތެރިން ފައިގައި ލައްވާނުލައި ގޯލާ ދިމާލަށް ދަނިކޮށް، ފައިން ޖައްސައި ގޯލަށް ވައްދާލީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލްއެވެ.

އޭގެ ފަހުން ޗެލްސީން ކުރިއަށް ޖެހި ގޯލަކަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ އިރު، އެޓީމުގެ ދެ ފުރުސަތެއް ފާހަގަކޮށްލެވުނެވެ. އެއީ ކާނާ ގަލެގާއަށް ލިބުނު ފަޅި ފުރުސަތެއްގެ އިތުރުން ރަހީމް ސްޓާލިން އަރިމަތިން އަރައި ގޯލަށް ޖަހަން މަސައްކަތް ކުރި ބޯޅައެކެވެ.