މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް، ޓީމް ފެނަކައިން ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި ރޭ ކުޅުނު ފައިނަލްގައި ފެނަކައިން އެމްޕީއެލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު އިންތިހާއަށް ފޯރިގަދަކޮށް ފެނުނު އިރު، މެޗުގެ ފަހު ގޯލު ފެނަކައިން ޖެހީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި އޮއްވައެވެ. މިއީ ފެނެކައިން ކްލަބު މޯލްޑިވްސް ކަޕް ހޯދި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އޮފީސް، ކޮމްޕެނީތަކަށް ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ފެނަކައިން ހޯދީ، މީގެ ކުރިން ތިން ފަހަރު މުބާރާތް ގެންގޮސްފައިވާ އެމްޕީއެލް ކައިރިން ފަހަތުން އަރައި މޮޅުވެގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި ކްލަބު މޯލްޑިވްސްގެ ފައިނަލް މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މެޗުގެ ކުރީކޮޅުގައިވެސް ފައުލްތައް ގިނަކޮށް ފެނުނު އިރު، އެމްޕީއެލް ފަރާތުން ފުލުފުލުގައި ފައުލްތައް ކުރިތަން ފެނުނެވެ.
ފެނަކައިން އެޓީމުގެ ތަރި އަޔާޒް އަހުމަދު (އަޔާ) ނުލައި މެޗު ފެށީ ހުސައިން ނާޝިދު (ނާއްޓޯ) އާއެކުގައެވެ. އެއީ އަޔާ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމުންނެވެ. އެހެން ނަމަވެސް މެޗުގެ ހަތް ވަރަކަށް މިނެޓް ކުޅެވުނުތަކާ އަޔާ ވަނީ މެޗަށް ނުކުމެފައެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ އެމްޕީއެލްއިންނެވެ. އަލީ ޝަމާލް އަބްދުﷲ ޖެހި އެ ގޯލަކީ ސާޖިދު ރަޝީދުގެ ހިތްގައިމު އެސިސްޓަކަށް ކުރިއަށް ޖެހި، ގޯލުގެ މަތީ ދާގަނޑަށް ބާރު ބޯޅައެއް ފޮނުވާލައިގެން ޝަމާލް ޖެހި ގޯލެކެވެ.
މެޗުގެ ކުރީކޮޅުގައި ގިނަ ފައުލްތަކެއް ކުރި އެމްޕީއެލްގެ ފަސް ފައުލް، މެޗުގެ 10 ވަރަކަށް މިނެޓާ ހަމައަށް ދިޔައިރު ހަމަވެއްޖެއެވެ. އެ ސަބަބާއެކު ފެނަކައިން ގޯލަކަށް ވަރަށް ބޮޑަށް އުންމީދުކުރި ނަމަވެސް، ފައުލް ހަމަވެ، ލިބުނު ދެ ޕެނަލްޓީގައި އަޔާ ފޮނުވާލި ބޯޅަތައްވެސް ދިޔައީ އަރިމަތިން ބޭރަށެވެ. އެ ޕެނަލްޓީތަކަށް ހުރަސް އެޅުމަށް އެމްޕީއެލްގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ކުރިއަށް ޖެހި ބޭނުންކުރަމުންދިޔަ ޓެކްނީކް ފާހަގަކޮށްލެވުނެވެ.
ދެވަނަ ހާފަށް ދިޔައިރު މެޗު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ބޮޑެތި ފައުލްތައްވެސް ފެނިގެން ގޮސްފައިވާ އިރު، އެމްޕީއެލް ބޮޑަށް ބެލީ ފަހަތުގައި މަޑުކޮށް ލީޑު ހިފެހެއްޓުމަށެވެ. އެޓީމުން ފެނަކައިގެ ހުސައިން ޝަރީފް (އޮންލީ) އާއި އަޔާ އަދި މުހައްމަދު އައްޒާމްގެ ނުރައްކާ ހިފެހެއްޓުމަށް ވަރުގަދަ ޑިފެންސިވް މަސައްކަތެއް ކުރިއެވެ. އެ މަސައްކަތުގައި އަހުމަދު ހުސެއިން (އައްމަޑޭ) އަދި މުހައްމަދު ސާދު ނިޒާރުގެ ހުނަރުވެރި ކުޅުން ފާހަގަކުރެވުނެވެ.
ފެނަކައިން މެޗުގެ ފަހުކޮޅަށް ގޮސް ވަރަށް ބޮޑަށް ޕްރެޝަރުކުރިއެވެ. ހަމަލާއަކަށްފަހު ހަމަލާއަކަށް މަސައްކަތް ކޮށް، އެޓީމުން އެއްވަރުކުރީ އައްޒާމުގެ ގޯލުންނެވެ. އައްޒާމު ގޯލު ޖެހީ އަޔާގެ ހަމަލާއެއް ގޯލު ތެރެއަށް ވައްދާލައިގެންނެވެ. ގޯލު ކައިރީގައި ހުރެ އައްޒާމް ބޯޅައިގެ މިސްރާބު ބަދަލުކޮށްލުމުން ތާޑޭއަށްވެސް ވަނީ އެ ބޯޅަ ހިފަހައްޓަން އުނދަގޫވެފައެވެ.
ފަހުކޮޅަށް ގޮސް ފެނަކައިން އެންމެ ހިތްވަރުގަދަކޮށް ފެނުނީ ކެޕްޓަން އޮންލީއެވެ. އޭނާގެ ހިތްވަރުގެ ނަތީޖާއަކަށްވީ މެޗުގައި ބާކީ ސިކުންތުކޮޅެއް އޮއްވައި، އޭނާގެ ގޯލަކާއެކު ފެނަކައިން ލީޑު ނެގުމެވެ. އެ ގޯލާއެކު މުޅި ޓީމު އެކުގައި ސަޕޯޓަރުންނާއެކު ވަރަށް ބޮޑަށް އުފާފާޅު ކޮށްފައިވެއެވެ.
މެޗު ނިމުނުތަނާހެން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން ފެނަކައިގެ އިބްރާހިމް މުބީން (މުއްކި) އާއި ކީޕަރު ޒައިދާން އަބްދުﷲގެ އިތުރުން އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) އަށްވެސް ރެފްރީ ރަތްކާޑު ދެއްކިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ފެނަކައިން ޖެހި ދެ ގޯލުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި އަޔާއެވެ. އަޔާއަކީ މިއަހަރު ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ، "ކިންގް"ވެސް މެއެވެ. ފެއާ ޕްލޭ ޓީމަކީ ވެމްކޯއެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް އެޗްޑީސީގެ ނާއިޒު ހަސަން (ދާދު) ހޮވުނު އިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އަށެވެ.