Close
ކްލަބު މޯލްޑިވްސް ކަޕް

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް މެއި މަހުގެ 27 ވަނަ ދުވަހު

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ މި އަހަރުގެ މުބާރާތް އަންނަ މެއި މަހު 27ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް މިދިޔަ އަހަރުވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަން ޓީމަކީ ފެނަކައެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލް މެޗުގައި ފެނަކައިން ތަށި ހޯދީ އެމްޕީއެލް 2-1ގެ ނަތީޖާއަކުންނެވެ.

ކްލަބު މޯލްޑިވްސް ކަޕް މިއަހަރުވެސް ކުރިއަށްދާނީ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާއާ އެކުގައެވެ. ކްލަބު މޯލްޑިވްސްގެ ދެ މުބާރާތަކީވެސް އިންވިޓޭޝަނަލް ދެ މުބާރާތް ކަމަށްވާ އިރު، ބައިވެރިކުރާ ޓީމުތަކަށްވެސް މާދަމާ ދައުވަތު ފޮނުވާނެ ކަމަށް ކްލަބު މޯލްޑިވްސް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބު މޯލްޑިވްސް ބާއްވާތާ 15 އަހަރުވެއްޖެއެވެ. އެ މުބާރާތަކީ ރާއްޖެއަށް ފުޓްސަލްގެ ފޯރި ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މުބާރާތެވެ. ރާއްޖޭގެ އެންމެ ވަރުގަދަ، މަޝްހޫރު ފުޓްސަލް ކުޅުންތެރިންވެސް ކްލަބު މޯލްޑިވްސްއިން ތައާރާފުވެގެން އައި އިރު، އެ މުބާރާތަކީ އަދިވެސް އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުންގަދަ ތަރިން ފެނިގެންދެއެވެ.

ކްލަބު މޯލްޑިވްސް ކަޕް ނުބޭއްވި މިހާތަނަށް މެދުކެނޑުނީ ކޮވިޑް ދުވަސްވަރު އެކަންޏެވެ. އެހެންނޫނީ ކޮންމެ އަހަރަކުވެސް ކްލަބު މޯލްޑިވްސް ކާމިޔާބުކަމާއެކު ބާއްވަމުން ދެއެވެ.