Close
ކްލަބު މޯލްޑިވްސް ކަޕް

ކްލަބު މޯލްޑިވްސްއިން މުއްކި ތިން އަހަރަށް ސަސްޕެންޑްކޮށް، އިތުރު ކުޅުންތެރިންނަށްވެސް ފިޔަވަޅު އަޅައިފި

މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި އެމްޕީއެލް އާއި ޓީމު ފެނަކަ ބައްދަލުކުރި މެޗަށް ފަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ އިތުރުން މިދިޔަ އަހަރު ސެމީ ފައިނަލް މެޗެއްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ބަލައި، ކްލަބް މޯލްޑިވްސްއިން ފިޔަވަޅު އަޅައިފިއެވެ.

މިދިޔަ އަހަރު ކްލަބު މޯލްޑިވްސްގެ ފައިނަލް މެޗު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޝަރަފުވެރި ކޮށްދެއްވާފައިވާ އިރު، އެ މެޗަށްފަހު ހަމަނުޖެހުންތަކެއް ފެނިފައިވެއެވެ. ފައިނަލުގައި އެމްޕީއެލް އަތުން 2-1 އިން ފެނަކަ މޮޅުވި މެޗު ނިމުމާއެކު ދަނޑުމަތީގައި ޓީމް ފެނަކައިގެ އިބްރާހީމް މުބީން (މުއްކި) އާއި އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) އާ ދެމެދު ހަމަަނުޖެހުމެއް ހިނގައި ދިޔައެވެ.

އެ މައްސަލައިގައި ޓީމް ފެނަކައިގެ މުއްކި ތިން އަހަރަށް ސަސްޕެންޑްކޮށް، ފެނަކަ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ކްލަބު މޯލްޑިވްސްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ ޗުމްޕުވެސް 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިތުރުން އެމްޕީއެލް ޓީމުވެސް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ. އޭގެ އިތުރުން ދެން ފިޔަވަޅުތައް އަޅާފައި ވަނީ ސެމީ ފައިނަލްގައި ކްލަބް އެޗްޑީސީން ޕެނަލްޓީ ޖަހައިގެން އެމްޕީއެލް އަތުން ކެޓި މެޗުގައި ހިނގި ކަންކަމަށެވެ.

އެމެޗަށްފަހު، އެޗްޑީސީ ކުޅުންތެރިންނާއި އޮފިޝަލުން ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވާތީ އެޗްޑީސީ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިތުރުން، އެޗްޑީސީގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސިނާން މުހައްމަދު ވަނީ ދެ އަހަރަށް ސަސްޕެންޑްކޮށްފައެވެ. އަދި އެޗްޑީސީގެ ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 5000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

މިއަހަރުގެ ކްލަބު މޯލްޑިސް ކަޕް މެއި މަހުގެ 27 ވަނަ ދުވަހު ފަށަން ވަނީ ތާވަލުކޮށްފައެވެ.