މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައި މުޅި އެ ސަރަހައްދު ފެންބޮޑުވެއްޖެއެވެ.
ކާނިވާ ސަރަހައްދަށް މިހާރުވެސް ދަނީ އުދަ އަރަމުންނެވެ. މިއީ އާންމުކޮށްވެސް މާލެއަށް އުދަ އަރާ ސަރަހައްދެވެ.
މާލެސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ "ވަން" އަށް މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދަށް އުދަ އަރަމުންދާ ކަމުގެ ރިޕޯޓު އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ޝިއުނާ ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
ކާނިވާ ސަރަހައްދަށް އުދަ އަރާފައިވާއިރު އެތަނުގައި ގިނަ އަދަދެއްގެ ވެހިކަލްތައްވެސް ޕާކު ކޮށްފައި އެބަހުއްޓެވެ.
މެޓު އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އާންމުކޮށް ރާޅު އަރާނީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރެއް ނޫން ކަމަށާއި އުދަ އަރަނީ ރާއްޖޭގެ ދެ ފަރާތުން އަންނަ ރާޅުތަކުގެ ބާނި ބޮޑުވުމުން ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށާއި އުދަ އަރާނީ އާންމުކޮށްވެސް އުދަ އަރާ ސަރަހައްދުތަކަށް ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމަޔަށް ވައިޓު އެލާޓު ނެރެފައިވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށިގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.