މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގައި އެ ކޯލިޝަންގެ ވަކި ކެންޑިޑޭޓުންތަކަކެއް ޕްރޮމޯޓްކޮށް ވާހަކަދައްކާތީ އެ ކޯލިޝަނުން ކަންބޮޑުން ފާޅުކޮށްފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގައި އެ ކޯލިޝަންގެ ވަކި ކެންޑިޑޭޓުންތަކެއް ޕްރޮމޯޓްކޮށް ވާހަކަ ދެއްކުމަކީ ކޯލިޝަންގެ ލީޑާޝިޕުން ބަލައި ގަންނަ ކަމެއް ނޫން ކަމަށެވެ.

"ޗެނަލް 13ގެ މަޑިސީލަ ޕްރޮގްރާމްގައި މިކޯލިޝަންގެ ދާއިރާ އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓުންނަށް ތާއިދުކޮށް ވާހަކަ ދެއްކުމަކީ މިކޯލިޝަން އަދި މިކޯލިޝަންގެ ލީޑާޝިޕް ބަލައިގަންނަ ކަމެއް ނޫނެވެ،" ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްއިން ބުނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

ޕީޕީއެމުން ރޭ ވަނީ އެޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައިވާ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ ކޯލިޝަންގެ އިންތިހާބުގެ މަސްލަހަތު ނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ ބުނެފައެވެ.

ޕީޕީއެމުން ބުނެފައިވަނީ، ނަހުލާ ގެންދަވަނީ އެ ކޯލިޝަންގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދު އޮތީ ވަކި ކެންޑިޑޭޓަކަށް ކަމަށް ވިދާޅުވެ ގޭގެއަށް ޒިޔާރަތް ކުރަމުން ކަމަށެވެ.

ނަހުލާއަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ހައްގެއް ނޯންނާނެ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.