އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސް ނުވަތަ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މިސްރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ކޮންފަރެންސްގައި ނައިބު ރައީސް ގައުމީ ބަޔާން އިއްވަވާނެ ކަމަށާއި އަދި ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ކޮޕް27 ގައި ބައިވެރިވެވަޑައިގެންނެވުމަށް މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ މިސްރަށް ވަޑައިގެންފައެވެ. އެމަނިކުފާނު މިސްރަށް ވަޑައިގެންފައިވަނީ އަވަށްޓެރި ސްރީ ލަންކާގެ ވަފުދާއެކުއެވެ. ކޮޕް27 ގައި އެމަނިކުފާނު ތަމްސީލުކުރައްވާނީ އަވަށްޓެރި ސްރީ ލަންކާއެވެ.
ރައީސް އޮފީހުން ބުނީ ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާއި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ 2030 އަހަރަށް ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިއުލާނުކޮށްފައެވެ.
މިއަހަރު ބާއްވާ ކޮޕް 27 އިންތިޒާމު ކުރަނީ މިސްރުގެ ސަރުކާރުންނެވެ.
މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އެކަށީގެންވާ ގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.
މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، ގިނަ އަދަދެއްގެ ނެގޯޝިއޭޓަރުންނާއި ސަރުކާރުތަކުގެ މަންދޫބުންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު