ކްލަބު މޯލްޑިވްސް ކަޕް

އެމްޕީއެލް ބަލިކޮށް، ސިފައިން ތިންވަނަ ފަހަރަށް ތަށި އުފުލާލައިފި

މުޙައްމަދު ޝަމްޢޫން

1

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ހޯދާފައިވާ އެމްޕީއެލް ކައިރިން ރޭގެ ފައިނަލްގައި ސިފައިން މޮޅުވީ ތަފާތު ބޮޑު، 10-2 ގެ ނަތީޖާއަކުންނެވެ. ރޭ ތަށި އުފުލާލައި ސިފައިން ވަނީ މިހާތަނަށް ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ރޭގެ ކުރިން ސިފައިން މުބާރާތް ކާމިޔާބު ކޮށްފައި އޮތީ 2013 އާއި 2014 ވަނަ އަހަރުއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗަކީ ސަޕޯޓަރުންގެ އަދަދު ގިނަ މެޗެކެވެ. ހާއްސަކޮށް ސިފައިންގެ ޓީމުގައި ހިމެނޭ ބަންގްލަދޭޝްގެ ދެކުޅުންތެރިންނަށް ސަޕޯޓް ދިނުމަށް، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ގިނަ ބަޔަކު މެޗު ބަލަން ގޮސް ތިއްބެވެ.

ރޭގެ ފައިނަލް ފަށައިގެން ކުޑައިރުކޮޅެއް ތެރޭގައި ސިފައިން ވަނީ ފުލުފުލުގައި ދެގޯލު ޖަހައިފައެވެ. އެ ދެގޯލުވެސް ޖެހީ ފާތިމަތު ތީބާއެވެ. އޭގެ ފަހުން ހާފު ނިމުމުގެ ކުރިން ސިފައިންގެ ތިންވަނަ ގޯލު ޖެހީ ކެޕްޓަން، އައިމިނަތު ޒާހިޔާއެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ސިފައިންގެ ފަސް ފައުލް ހަމަވުމާއެކު އެމްޕީއެލްއަށް ހަމަޖެހިލަން ފުރުސަތު ލިބުނެވެ.

އެމްޕީއެލްއިން ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހަން ލިބުނު ފުރުސަތަކީ ފައުލް ހަމަވެ ލިބުނު ދުރު ޕެނަލްޓީއެކެވެ. އެޕެނަލްޓީން އެމްޕީއެލްގެ ފުރަތަމަ ގޯލު ޖަހައިދިނީ އެޓީމުގެ ގޯލްކީޕަރު ސަސިޕްރަޕާ ސުކްސެން އެވެ. އޭގެ ފަހުންވެސް އެމްޕީއެލްއަށް ދުރު ދެ ޕެނަލްޓީއެއް ލިބި ނާކާމިޔާބުވިއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއް ނުވެ ސިފައިންގެ ޓީމުން މެޗުގެ ކޮންޓްރޯލް ނަގައި، ފުލުފުލުގައި ގޯލުތައް ޖެހިއެވެ. ސަބީނާ ހަތުންގެ ހަތަރު ގޯލު ދެވަނަ ހާފުގައި ފެނުނު އިރު، ތީބާ ވަނީ އޭނާގެ ހެޓްރިކްވެސް ފުރިހަމަކޮށްފައެވެ. ބަދަލަކަށް ކުޅެން އަރައި، މަރިޔަމް ރިފާ ގޯލެއް ޖެހިއިރު، ސިފައިންގެ އަނެއް ގޯލު ޖަހައިދިނީ ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާއެވެ.

އެމްޕީއެލްގެ ދެވަނަ ގޯލު ވެސް ޖެހީ ކީޕަރު ސަސިޕްރަޕާއެވެ. އޭނާގެ ދެވަނަ ގޯލަކީ ކުރިއަށް ޖެހި ދުރުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ޗެމްޕިއަންޓީމަށް މެޑަލް، އަދި ފައިސާގެ އިނާމުވެސް ހަވާލުކޮށްފައިވެއެވެ. ރޭގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރު މާރިޔާއެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސިފައިން ކްލަބުގެ ސަބީނާއެވެ. ސަބީނާ ވަނީ މުބާރާތުގައި ޖުމުލަ 21 ގޯލު ޖަހައިފައެވެ. އެންމެ މޮޅު ކޯޗަކަށް ސިފައިންގެ އަހުމަދު ތޯހާ ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ވެމްކޯއެވެ. ފެއާޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ތީބާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ސަބީނާ ކަތުން - ދިވެހި ސިފައިންގެ ކްލަބު
  • މަތުސުޝިމާ ސުމައްޔާ - ދިވެހި ސިފައިންގެ ކްލަބު
  • ސާއިގާ ހުސެއިން - ދިވެހި ސިފައިންގެ ކްލަބުގެ ގޯލްކީޕަރު
  • ފާތިމަތު ސާލިޔާ - އެމްޕީއެލް
  • ނަތަމޯން އަތުކުލާ - އެމްޕީއެލް

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަން ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ އޮންނާނެއެވެ. ބައްދަލުކުރާނީ ޓީމް ފެނަކައާއި އެމްޕީއެލްއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟