ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑްވެސް މޮޅުވެފައިވާ އިރު، އާސެނަލުން ގަދަ 16 ޔަގީން ކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެދާދު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކުވެސް ޔުނައިޓެޑަށް ގްރޫޕުގެ އެއްވަނަ ލިބޭ ގޮތެއް ނުވިއެވެ. އެއީ ފައިދާ ގޯލުގެ ފަރަގުން ކުރީގައި އޮތީ ރެއާލް ސޮސިއެދާދު ކަމަށްވާތީއެވެ. ރެއާލް ސޮސިއެދާދާއި ޔުނައިޓެޑުންވެސް ހަ މެޗުން 15 ޕޮއިންޓް ހޯދާފައި އޮތް އިރު، ޔުނައިޓެޑުން ރޭގެ މެޗުގައި ދެ ގޯލުގެ ފަރަގަކުން މޮޅުވި ނަމަވެސް އެއްވަނައަށް އެރޭނެއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުގެ ހަމައެކަނި ގޯލު ޖަހައިދިނީ އާޖެންޓީނާގެ ޒުވާން ތަރި އަލެހާންޑްރޯ ގާނާޗޯއެވެ. އުމުރުން އެންމެ 18 އަހަރުގެ ގާނާޗޯ ގޯލު ޖަހައި އުފާފާޅުކުރުމުގައި ބޭނުން ކޮށްފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސެލެބްރޭޝަނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ހަމަލާއެއް އުފެއްދުމުގައި އުނދަގޫތައް ދިމާވިއެވެ. ދެވަނަ ހާފުގައި ރޮނާލްޑޯއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއް އޭނާ ގެއްލުވައިލި އިރު، އަނެއްކޮޅުން އަންޑޯނީ ގޮރޮސަބެލްއާއި ޕަބްލޯ މެރިން ޖެހި ބޯޅަތަކުން ޔުނައިޓެޑް ސަލާމަތްކޮށްދިނީ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

ޔުނައިޓެޑުން ފެބްރުއަރީ މަސްތެރޭގައި ނޮކްއައުޓް ބުރުގައި ކުޅޭނީ ޗެމްޕިއަންސް ލީގުން ޔޫރޮޕާ ލީގަށް އައި ޓީމަކާ ދެކޮޅަށެވެ. އެއީ 32 ޓީމުގެ ތެރޭގައި ކުޅެވޭ ނޮކްއައުޓް ދެ ލެގެގު ބުރެކެވެ. އެޓީމުތަކުގެ ތެރޭގައި ބާސެލޯނާއާއި ޔުވެންޓަސްގެ އިތުރުން ސާލްސްބާގާއި ސެވިއްޔާ އަދި އަޔެކްސް ފަދަ ޓީމުތައް ހިމެނެއެވެ.

އާސެނަލުން ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި އެފްސީ ޒިއުރިޗް ކައިރިން 1-0 އިން މޮޅުވެގެންނެވެ. އެ ގްރޫޕުގެ އެއްވަނައިގައި އާސެނަލް އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ ދެވަނައިގެ ގޮތުގައި ނޮކްއައުޓްގެ ޕްލޭ އޮފްއަށް ދަތުރުކުރީ ޕީއެސްވީއެވެ. ޕީއެސްވީން ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައިފައެވެ.

ސީޒަނުގެ މިހާތަނަށް ރަނގަޅު ފޯމެއް ދައްކަމުން އަންނަ އާސެނަލަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ ކީރެން ޓިއެނީއެވެ. މެޗުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ބައެއް މުހިއްމު ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. އޭގެ އިތުރުން އަނިޔާއިން އެނބުރި އަންނަމުންދާ ބުކަޔޯ ސަކާވެސް މެޗުގެ ފަހު ކޮޅަށް ނެރެފައިވެއެވެ. އެ ބަދަލާއެކު ސަކާއަށް ކުރިއަށް އޮތް ޗެލްސީ މެޗުގައި ކުޅެވޭނެކަމުގެ ޔަގީންކަންވެސް ވަނީ ލިބިފައެވެ.