އެޕަލްގެ އައިފޯނު އުފައްދާ އެންމެ ބޮޑު ފެކްޓަރީ، "ފޮކްސްކޮން"ގައި ކޮވިޑް ފެތުރި އައިފޯނު އުފެއްދުމަށް ބޮޑެތި ގޮންޖެހުން ތަކެއް ހުރިކަން ހާމަވެއްޖެއެވެ.
މިހާރު ލީކްވެފައިވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާ ގައި އާންމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޒެންގްޒޯގައި ހުންނަ ފެކްޓަރީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފެކްޓަރީ ލޮކްޑައުން ކުރެއެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން މަސައްކަތްތެރިން ނުރުހި އެމީހުން ފެކްޓަރީ ދޫކޮށް ފިލާ ކަންވެސް ވަނީ ހާމަވެފައެވެ.
ޗައިނާގެ ހަރުކަށި ޒީރޯ ކޮވިޑް ސިޔާސަތުން ބައިނަލްއަގްވާމީ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކޮވިޑް ރާޅާއެކު ޒެންގްޒޯގައި އުފެދިފައިވާ ހަލަބޮލިކަމުގެ ސަބަބުން ކުރިއަށް އޮތް ހަފުތާތަކުގައި އެޕަލް އާއި ފޮކްސްކޮންގެ އުފެއްދުންތެރިކަމަށް ނުރައްކާވެދާނެ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެ އެވެ. ކައުންޓަޕޮއިންޓްގެ ސީނިއާ ރިސާޗް އެނަލިސްޓް އިވާން ލަމް ލަފާކުރި ގޮތުގައި އައިފޯން 14 އުފެއްދުމުގެ %10 އާއި %30 އާއި ދެމެދުގެ މިންވަރަކަށް އަސަރު ފޯރާނެއެވެ. ކޮވިޑްގެ ހާލަތު ހަމައަކަށް ނޭޅިއްޖެެނަމަ ކައިރި މުސްތަގުބަލެއްގައި މި އަށްވުރެ ބޮޑަށްވެސް އަސަރު ފޯރައިފާނެއެވެ. ޒެންގްޒޯގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އައިފޯން ފެކްޓްރީ އަކީ މުޅި ދުނިޔޭގެ ބާޒާރަށް ނެރޭ ފޯނު ތަކުގެ %85 ފޯނު އުފައްދާ ފެކްޓަރީ ކަމަށް ގިނަ އަންދާޒާތަކުން ދައްކަ އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފޮކްސްކޮންގެ ތަރުޖަމާނަކު ވިދާޅުވީ އެ ކުންފުނިން މިހާރު މަސައްކަތް ކުރަނީ ކޮވިޑް ފެތުރިފައި ނުވާ އެހެން ސައިޓްތަކުގައި ފޯނުގެ އުފެއްދުންތެރިކަން އިތުރުކުރުމަށެވެ.
"މިވަގުތު، މިއީ ޕީކް ޕްރޮޑަކްޝަން ސީޒަނަކަށް ވާތީ، މަސައްކަތްތެރިންނަށް ބޮޑު ޑިމާންޑެއް އެބައޮތް،" ފޮކްސްކޮންގެ ތަރުޖަމާނަކު ހޯމަ ދުވަހު ހެނާން ޑެއިލީއަށް ވިދާޅުވި އެވެ. ފޮކްސްކޮން އާއި އެޕަލް އިން ވެސް މިމައްސަލާގައި ވާހަކަ ދައްކަން ވަނީ ދެކޮޅުހަދާފައެވެ. އެހެން ނަމަވެސް ހޮން ހައި ޕްރެސިޝަން އިންޑަސްޓްރީގެ ނަމުން ވެސް މަޝްހޫރު ފޮކްސްކޮންގެ ހިއްސާގެ އަގު އަންގާރަ ދުވަހު ވަނީ %2.6 ދަށްވެފަ އެވެ