ދެކުނު ކޮރެއާގެ ކެޕްޓަން، ޓޮޓެންހަމްގެ ހިއުން-މިން ސޮން، މޫނުގެ ސާޖަރީއަކަށް ދާން ޖެހިފައިވުމާއެކު އޭނާއަށް ވޯލްޑް ކަޕް ގެއްލިދާނެކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ސޮންގެ މޫނަށް އަނިޔާވެފައި ވަނީ ޓޮޓެންހަމްއިން އަންގާރު ދުވަހުގެ ރޭ މާސޭއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ. އެމެޗުގައި ސޮންގެ މޫނަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވާ އިރު، ފަހަތުން އަރައި ޓޮޓެންހަމްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ސޮންގެ ވާތު ލޮލުގެ ކައިރީގައިވާ ކަށިގަނޑުގައި ރެނދުލާފައި ވުމުގެ އިތުރުން ކަށިގަނޑު ވަނީ ގުޑައިފައެވެ. އެ ކަށިގަނޑުގެ އެޖަސްޓްމަންޓް ރަނގަޅުކުރުމަށް ސޮން، ކޮންމެހެންވެސް ސާޖަރީއަކަށް ދާން ޖެހޭނެ ކަމަށް އޭނާގެ ކްލަބު ޓޮޓެންހަމްއިން ވަނީ ބުނެފައެވެ.
ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސޮންގެ ސާޖަރީއަށްފަހު ކްލަބުގެ މެޑިކަލް ސްޓާފުންނާއެކު ރިކަވަރީ ފުރިހަމަ ކުރާނެ ކަމަށެވެ. އެއަށްފަހު އޭނާއަށް އެނބުރި އާދެވޭނެ ސީދާ ތާރީހެއް އިއުލާނުކުރާނެ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
ދެކުނު ކޮރެއާއިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. ގައުމީ ޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔަކީވެސް ސޮންއެވެ. އޭނާ ވަނީ އެގައުމަށް މިހާތަނަށް ކުޅުނު 104 މެޗުގައި 35 ގޯލު ޖަހައިދީފައެވެ. ދެކުނު ކޮރެއާ ހިމެނޭ ގްރޫޕް އެޗްގައި އުރުގުއާއީއާއެކު ދެން ހިމެނެނީ ޕޯޗުގަލް އަދި ގާނާއެވެ.
މީގެ ކުރިން 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާއަށްވެސް ވަނީ މޫނުމަތީގެ ކަށިގަނޑަކަށް އަނިޔާވުމުގެ މައްސަލައެއް ދިމާވެފައެވެ. އެފަހަރު ޔޫރޯއަށް ވަގުތު ކުޑަތަންވެފައި އޮތް އިރު، މާސްކަކާއެކު 19 ދުވަސް ފަހުން ޑި ބްރޭނާ ވަނީ ބެލްޖިއަމްއަށް މެޗުތައް ކުޅެފައެވެ. އެހެންކަމުން ސޮންއަށް ވޯލްޑް ކަޕްގެ ފުރުސަތު އެކުގައި ގެއްލުނީ ކަމަށް އަދި ބުނެވޭކަށް ނެތެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022