ޔޫއެފާ ޗެމްޕިއަންސް ލީގު

ރެއާލްއިން ހޯދީ އެންޗެލޯޓީއަށް ހާއްސަ މޮޅެއް، ބޮޑު މޮޅަކާއެކު ލެއިޕްޒިގް ގަދަ 16 އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރެއާލް މެޑްރިޑާއި އާރްބީ ލެއިޕިޒިކް ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ރޭ ނިމިފައިވާ އިރު، ގްރޫޕް އެފްގެ އެއްވަނަ ހޯދީ އެންމެފަހުގެ ޗެމްޕިއަން ރެއާލްއެވެ. އެޓީމުން ރޭގެ މެޗުގައި 5-1 އިން އަމިއްލަ ދަނޑުގައި ސެލްޓިކް ބަލިކުރި އިރު، ހަ މެޗުން 13 ޕޮއިންޓް ހޯދާފައިވެއެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ރެއާލްއަށް އެއްވަނަ ޔަގީންވެފައި އޮތް އިރު، ދެވަނަ މަގާމު އޮތީ ވާދަވެރިކޮށެވެ.

އެ މަގާމުގެ ފުރުސަތު ޝަކްތާ ޑޮނެސްކާއި ލެއިޕްޒިގަށްވެސް އޮތް އިރު، ރަށުން ބޭރުގައި ރޭ ލެއިޕްޒިގުން ޝަކްތާ ބަލިކުރީ 4-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ރެއާލްގެ މޮޅު ރޭ އެންމެ ހާއްސަވީ އެޓީމުގެ ކާމިޔާބު ކޯޗު ކާލޯ އެންޗެލޯޓީއަށެވެ. ކެރިއަރުގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ އެންޗެލޯޓީ ރޭ ރެއާލްއާއެކު ހޯދި މޮޅަކީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގައި އޭނާ ހޯދި 104 ވަނަ މޮޅެވެ. އެއީ ޗެމްޕިއަންސް ލީގުގެ ކޯޗަކަށް ރެކޯޑު އަދަދެކެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މޮޅު ހޯދާފައިވާ ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ސާ އެލެކްސް ފާގަސަންއެވެ. ފާގަސަން އަތުގައި އެ ރެކޯޑު އޮތީ 103 މޮޅު، ޗެމްޕިއަންސް ލީގުގައި ހޯދައިގެންނެވެ.

ރެއާލްއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ފެޑްރީކޯ ވަލްވާޑޭއާއި ލޫކާ މޮޑްރިޗްގެ އިތުރުން ވިނީޝިއަސް ޖޫނިއާ އަދި މާކަސް އަސެންސިއޯއެވެ. މެޗުގައި ސެލްޓިކްގެ ހަމައެކަނި ގޯލު ޖަހައިދިނީ ނެވެސް ފިލިޕެވެ. ސެލްޓިކަށް މެޗުގައި ލިބުނު ޕެނަލްޓީ ޖުރަނޮވިޗް އަތުން ވަނީ ބޭކާރު ވެފައެވެ.

ރޭ ލެއިޕްޒިގުން ޝަކްތާ ކޮޅަށް ގޯލުތައް ޖެހީ ކްރިސްޓޮފާ އެންކުންކޫ އާއި އަންދްރޭ ސިލްވާގެ އިތުރުން ޑޮމިނިކް ޒޮބޮލްސްލާއީ އަދި ޑެނީ އޮލްމޯއެވެ.