މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމައިފިއެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން ޝިދާތާ ޝަރީފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމީ ސަރުކާރު ޒިންމާދާރުކުރުވަން ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެމްއެންޕީގެ ކައުންސިލުން ކަމަށެވެ.
"މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރުގެ ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަން ދާދި ދެންމެ އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމައިފި،" ޝިދާތީ ވިދާޅުވިއެވެ.
އެމްއެންޕީ ރަޖިސްޓްރީކުރިތާ އަދިވެފައިވަނީ އެންމެ އަހަރެކެވެ. އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން މިރޭ ނިންމި އިރު، މީގެ ކުރިން ވެސް ވަނީ ރައްޔިތުން މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީކުރުވުމަށް ގަރާރުތަކާއި މައްސަލަތައް ހުށަހަޅައިފައެވެ.
އެމްއެންޕީއަކީ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ މަގުސަދުތަކުގެ ތެރޭގައި ދީނާއި ގައުމު ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ހިމެނެއެވެ.
އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އެމްއެންޕީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރައްވާނީ ނާޒިމްއެވެ.
އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 8،129 އެވެ.
އެމްއެންޕީގެ އިތުރުން ދެން އިދިކޮޅު ހަރަކާތްތެރިވާ ޕާޓީތަކަކީ ޕީޕީއެމް އާއި ޕީއެންސީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު