ދެހާސް ހަވަނަ އަހަރުގެ ތެރޭގައި މަރާލި ގއ. ވިލިގިލި، ކަނޑުއޮޅި، މުހާއްމަދު ޝިހާބު މަރުގެ މައްސަލަ ދެ ވަނަ ފަހަރަށް ބެލުމަށް ހައި ކޯޓުން ކުރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ދެހާސް ހަވަނަ އަހަރުގެ ޖުލައި މަހުގެ 14 ދުވަހު، މުހައްމަދު ގާސިމް، ފަރިޔާޝް އަހްމަދު، އަލީ މަސްއުދު ސައީދު އަދި މުހައްމަދު ޝަފްރާޒް ވަނީ ޝިހާބު ގައިގައި ލަކުޑި ފަތިބުރި ތަކަކުންނާއި އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގައިފައެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ކުރަމުންދަނިކޮށް، އޭގެ ތިން ދުވަސް ފަހުން ޝިހާބު ވަނީ މަރުވެފައެވެ.

އެހެންވެ ދައުލަތުން ވަނީ އެ ހަތަރު މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައެވެ. ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 2008 ވަނަ އަހަރު ހުކުމްކުރީ އެ ހަތަރު މީހުންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީ އެ މީހުން މެރުމަށެވެ.

އެ ހުކުމް އެ ހަތަރު މީހުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން އެ އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ކުރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެ މައްސަލަ ބެލި ނަމަވެސް މައުލޫއީ ގޮތެއްގައި މައްސަލަ ބަލާފައެއް ނުވެއެވެ. ކުރިިމިނަލް ކޯޓުން އެފަހަރު ހުކުމްކުރީ އިބްތިދާއީ މަރުހަލާގައި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

ކުރިމިނަލް ކޯޓުން އެގޮތަށް ހުކުމްކުރީ އެ ހާދިސާގައި ޝިހާބާ މެދު މާރާމާރީ ހިނގައިދިޔަފަހުން އޭނާއަށް ފަރުވާ ދިނުމުގެ ގޮތުން ތިން ރަށަކަށް އޭނާ ނަގުލުކުރެވި، ތިން ދުވަސްތެރޭގައި އޭނާ މަރުވެފައިވާތީ، ޝިހާބުއަށް ފަރުވާ ދިނުމުގައި މެދުކެނޑުމެއް އައިސްފައިވާކަން ހެކިންގެ ބަހުންނާއި ލިޔެކިއުންތަކުން ޝަރީއަތަށް ގަބޫލުކުރެވޭތީއެވެ.

ފަރުވާ ދެވޭނެ ގޮތް މެދުވެރިވިނަމަ ޝިހާބުގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އޮތްކަމަށް ބެލެވުނަސް ދައުވާލިބޭ ހަތަރު މީހުންގެ އިތުރުން ދެ މީހަކު މާރާމާރީގައި ބައިވެރިވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ޝިހާބު މަރުވެފައިވަނީ މާރާމާރީ ހިންގަމުން ދަނިކޮށް ނޫން ކަމަށާއި އަދި އެ މާރާމާރީއަކީ މަރާލުމުގެ ނިޔަތުގައި ހިންގި އަމަލެއްކަން ސާބިތުނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުގެ އެހުކުމް ދައުލަތުން ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. ދައުލަތުން އިސްތިއުނާފުގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ އެ ހުކުމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށާއި ކުށުގެ ރުކުން ސާބިތުވާ ކަމަށް ނިންމާފައި ކުށުގެ ނިޔަތް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ ގޯސްކޮށް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކުރީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ޝިހާބުގެ މަރުގެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

ހައި ކޯޓުގައި ހުކުމުގައި ބުނީ މައުލޫއީ ގޮތުން ބަލަންޖެހޭ ކަންކަން ކަނޑައަޅައި މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓުން ދަށު ކޯޓުތަކަށް ފޮނުވުމުން ޝަރީއަތްކުރުމަކާ ނުލައި ގާނޫނީ ސަބަބެއް ނެތި، އިބްތިދާއީ މަރުހަލާގައި ދަށު ކޯޓުން "ދިވެހިރާއްޖޭގެ ކޯޓުތަކު ގާނޫނޫ"ގެ 46 ވަނަ މާއްދާގެ (ރ)ގެ ދެލިގަނޑަށް ބަލައިގެން މާއްދާގައިވާ ލަފްޒީ މާނަކުރުމުގެ ތެރެއިން އެ މާއްދާ މާނަކުރެވިދާނެ ކަމުގައި ނުދެކޭ ކަމަށެވެ.

އަދި އެ މާއްދާގައި ބަޔާންކުރާ ހާލަތަކީ އެ މާއްދާގައިވާ އާންމު މާނައަށް ބަލައިގެން އެ މާއްދާ މާނަކުރަމުންދާ އާއްމު އުސޫލަށް އޮތް އިސްތިސްނާ އެއް ކަމުގައި ނުދެކޭ ކަމަށް ހުކުމުގައި ބުންޏެވެ. އެގޮތުން އެ އިސްތިސްނާ ހާލަތުގައި މައްސަލަ މައުލޫއީ ގޮތުން ބެލުމަށްޓަކައި ދަށު ކޯޓަށް ދެވަނަ ފަހަރަށް ތަހުވީލުކުރެވިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އިސްފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދުއެވެ.