ފ. ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރާނެ ގޮތުގެ ޓައިމްލައިނެއް ދެ މަސް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ، ނިލަންދޫ ނަރުދަމާގެ ނިޒާމު ހަލާކުވެ އެ މަސައްކަތް ހައްލުނުވެ ގިނަދުވަސްތަކެއް ވެފައިވާތީ، އެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުހުސިން ހަމީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެންނެވެ.
އެގަރާރު މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިރު، އެކަމަށްޓަކައި މަސައްކަތް ކުރުމަށް ޓައިމްލައިނެއް ކަނޑައަޅަންޖެހޭ ކަމަށް ކޮމިޓީން ވަނީ ހިމަނައިފައެވެ.
ކޮމިޓީން ބުނެފައި ވަނީ، އެރަށުގެ ނަރުދަމާގެ ނިޒާމު ފެއިލްވުމުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށްފައި އޮތުމުގެ ހައްގު އެކަށީގެންވާ ގޮތެއްގައި އެރަށުގެ ރައްޔިތުންނަށް ލިބެމުންނުދާ ކަމަށެވެ.
ނަރުދަމާގެ ނިޒާމު ފެއިލްވެފައިވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ އެކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ ބިރުއޮތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ނިލަންދޫ ނަރުދަމާގެ ނިޒާމް ހައްލުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޓައިމްލައިނެއް، ދެ މަސް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން އިސްވެ އެކުލަވާލައި ކޮމިޓީއާ ހިއްސާކުރުމަށް ވެސް ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 38 މެމްބަރުންގެ ތެރެއިން 12 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު