ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ސިޔާސީ ޕާޓީތައް ބައިވެރިކުރުމަށް ގޮވާލައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ސޮއިކުރައްވައި ރައީސް ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ޗާގޯސް ރަށްތަކުގެ ވަށައިގެންވާ 200 މޭލު ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދެއް (މެރީން ޕްރޮޓެކްޓެޑް އޭރިއާ) އެއް ކަމަށް 1 އޭޕްރީލް 2010 ގައި އިނގިރޭސި ދައުލަތުން ކަނޑައެޅުމާ ވިދިގެން މޮރިޝަސް އިން އިނގިރޭސި ދައުލަތާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއަށް ވަންނަން ޖެހި، ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާއާބެހޭ ޓްރައިބިއުނަލްއާއި ޔުނައިޓެޑް ނޭޝަންސްގައި ރާއްޖޭގެ ގައުމީ މަސްލަހަތު ދިފާއުކުރުމަށް ދިވެހީންނަށް މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މި މައްސަލާގައި ޝާމިލްވާ އެހެން ގައުމުތަކެކޭ އެއް ފަދައިން، ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވަން ޖެހެނީ އެ ވަގުތަކު އޮންނަ ސަރުކާރަކުން ކަމަށާއި މި މައްސަލައިގެ ބަހުސްގެ ތެރެއިން، ރާއްޖޭގެ ސިޔާސަތު ކުއްލިއަކަށް ބަދަލުކުރިކަން 20 އޮކްޓޯބަރު 2022 ގައި ދައުލަތުގެ ބަންޑާރަ ނާއިބު ހާމަކުރެއްވުމަކީ އެމްއެންޕީއަށާއި އެހެން ސިޔާސީ ހަރަކާތްތެރީންގެ އިތުރުން އާއްމުންނަށްވެސް ސިހުން ގެނުވި ކަމެއް ކަމަށެވެ.

"ރާއްޖެއިން ޗާގޯސް މައްސަލައިގައި މޮރިޝަސްއަށް ތާއީދުނުކުރުމަށް ކަނޑައަޅާފައި އޮތް ސިޔާސަތުގެ މައިގަނޑު މަސްދަރު ބިނާވީ ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުމުން ރާއްޖޭގެ ހުކޫމަތު މިއަދު ހިނގާ (ކަނޑުގެ) ސަރަހައްދުން އިންތިހާއަށް ބޮޑު ބައެއް ރާއްޖެއަށް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ. އެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން، އެކި ފަރާތްތަކުން އުފައްދާ ސުވާލުތަކަށާއި ހާމަކުރާ ކަންބޮޑުވުންތަކަށް ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުން ރައްދު ދެއްވަމުން ތަކުރާރުކުރައްވާ ވާހަކައަކީ މޮރިޝަސްގެ ހުކޫމަތުގެ ދަށަށް ޗާގޯސްގެ ރަށްތައް ދިޔަކަމުގައި ވީނަމަވެސް، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ނާންނާނެ ކަމަށެވެ." ރައީސަށް ފޮނުއްވި ސިޓީގައި ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން މިހާތަނަށް އެއްކުރި މައުލޫމާތުން ދޭހަވަނީ ޗާގޯސް މައްސަލާގައި ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށްގެން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ޗާގޯސް މައްސަލާގައި ދިވެހި ދައުލަތުގެ ނިންމެވުންތަކަށް ވާސިލުވުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.

"މިހެން މި ހުށަހަޅަނީ ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސައި، ރާއްޖެއާއި ދިވެހިންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ހިޔާރުކުރުމުގެ އިތުރުން، މިއީ ރާއްޖެއިން ތަންފީޒުކުރާ ސިޔާސަތުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއް ކަމުގައިވެސް ދެކޭތީ" އެގޮތަށް ހުށަހެޅި ސަބަބު ހާމަކޮށް ނާޒިމް ވިދާޅުވެފައިވެއެވެ.