ޚަބަރު

ސަރުކާރުގެ ހައުސިން މަޝްރޫއުތައް ތާވަލާ އެއްގޮތަށް ކުރިޔަށް އެބަދޭ، އަންނަ މޭގައި ހަވާލުކުރަން ފެށޭނެ: ހައުސިން

މުހައްމަދު ޖަމްޝަތް ވަހީދު

މި ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް އަންނަ އަހަރުގެ މޭމަހުން ފަށައިގެން ހަވާލުކުރަން ފެށޭވަރުވާނޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މީޑިއާއަށް އިއްޔެ ދިން މައުލޫމާތު ޝީޓުގައިވާ ގޮތުން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން މާލެ ސަރަހައްދުގައި މިހާރު 6،175 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ހައުސިން މަޝްރޫއުތަކުގެ ތެރޭގައި އަމިއްލަ ބައެއް ފަރާތްތަކާ ހަވާލުކޮށް ކުރިއަށްގެންދާ މަޝްރޫއުތަކާއި، ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ކުރިއަށްގެންދާ މަޝްރޫއުތައް ހިމެނެއެވެ.

ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކާލުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ބޭއްވި ޓުއާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑިއިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، މި ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލޭގައި 54 ޓަވަރެއް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"ޔަގީން، ހަމަގައިމު ވެސް އަޅުގަނޑުމެނަށް އަންނަ އަހަރު މެއި މަހާ ހިސާބަށް ދާއިރު މީގެ ތެރެއިން ބައެއް ޓަވަރުތަކަށް މީހުން ވެއްދޭނެ. އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރުން އެ ވަރުގެ ޔަގީންކަން ދެއްވާ،" އާރިފް ވިދާޅުވި އެވެ.

އޭގެ ތެރެއިން 23 ޓަވަރެއްގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލާފައިވާއިރު ގިނަ ތަންތަނުގެ ފުރަތަމަ މަރުހަލާ، ފައުންޑޭޝަން އެޅުމުގެ މަސައްކަތް ހުރީ ފަށައިފަ އެވެ. ބައެއް ތަންތަން ބުރިބުރިއަށް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދެ އެވެ.

މީގެތެރެއިން އެންމެ ބޮޑު މަޝްރޫއަކީ އެފްޑީސީން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދެ ކުންފުންޏަކާ ހަވާލުކޮށްގެނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްގީކުރާ 2000 ޔުނިޓް އަދި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

އެފްޑީސީގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާސް އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތްތައް ނިމެމުން އަންނަ ކަމަށެވެ. ހުރިހާ ޓަވަރެއްގެ މަސައްކަތްވެސް ރާވާފައިވާގޮތަށް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

"ޖޭއެމްސީ ޕްރޮޖެކްޓްގެ 16 ޕަސެންޓު ނިމިއްޖެ. އެންބީސީސީގެ މަސައްކަތް 13.5 ޕަސެންޓު ނިމިއްޖެ. އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ، މުޅި ޕްރޮޖެކްޓް 2024އަށް ނިމޭނެ." ޝަމޫލް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ޕްރޮޖެކްޓްގައި ތަރައްގީކުރަނީ 17 އަދި 18 ފަންގިފިލާގެ ޓަވަރުތަކެވެ. މި 4000 ޔުނިޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 20000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވެއެވެ. ކުރިއަށް އޮތް ތިން މަސްތެރޭ ފޯމްތަކާއި ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިމޭނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

އިއްޔެގެ އިވެންޓްގައި، ސަރުކާރުން އަމިއްލަ އެހެން ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް ވަނީ ދައްކާލައިފައެވެ. އޭގެ ތެރޭގައި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ)، އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ސާސީ ގްލަޓް ޖޮއިންޓް ވެންޗާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ސެލިޓެއާ، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑުން ހަދަމުން އަންނަ ފްލެޓްތައް ހިމެނެ އެވެ.

މާލޭގައި ކުރީގެ އޯޑިއޯން ސިނަމާ އަދި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް އިންޑިއާގެ ޓާޓާ ކުންފުނިން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.