މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް، ދީނީ އިލްމު ފެތުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކައްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފިއެވެ.

މުފްތީ މެންކް މިއަދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރެއްވުމުގައި މުފްތީ އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތައުރީފު ކުރައްވައިފައެވެ. އަދި މުފްތީއަކީ ދިވެހިން ވަރަށް ބޮޑު އިހުތިރާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި މުފްތީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިން އުންމީދު ކުރަމުން އައި ދަތުރެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެ ނަސޭހަތްތައް ފަސޭހައިން ފަހުމު ވާނެހެން ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ރައީސް ވަނީ ތައުރީފު ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މުފްތީ ވަނީ އެމަނިކުފާނު ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކާއި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވައިފައެވެ.

އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކެއްގެ ހުންނަ ތަފާތުތަކަށް އިހުތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވި ފުރިހަމަ މެހުމާންދާރީ ވަނީ ފާހަގަކުރައްވައިފައެވެ.

މުފްތީ ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިދިޔަ މަހުއެވެ. މި ދަތުރުފުޅުގައި މުފްތީ ވަނީ މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ދަރުސް ދެއްވައިފައެވެ. އެ ދަރުސްތައް އަޑުއެއްސެވުމަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.