ޗެލްސީ

މި ސީޒަންގެ ލީގު ކާމިޔާބު ކުރާނީ ޗެލްސީން: ކުލިބާލީ

މި ސީޒަންގެ ލީގު ޗެމްޕިއަންކަން ޗެލްސީއަށް ހޯދޭނެ ކަމަށް ސެނެގާލްގެ ކެޕްޓަން، ޑިފެންޑަރު ކަލިޑޫ ކުލިބާލީ ބުނެފިއެވެ.

މި ސީޒަނަށް ނަޕޯލީން ޗެލްސީއަށް ބަދަލުވި ޑިފެންޑަރު ކުލިބާލީ މިހެން ބުނެފައި ވަނީ ސެނެގާލް ނޫސްތަކަށް ޕްރިމިއާ ލީގާ ގުޅިގެން ވާހަކަ ދައްކަމުންނެވެ. ކުލިބާލީ ބުނީ ސީޒަން ނިމޭއިރު، އެއްވަނައިގައި އޮންނާނީ ޗެލްސީ ކަމަށާއި، ބޭނުންވަނީ އެ ކްލަބާއެކު ތަރީހު ލިޔެލަން ކަމަށެވެ.

"ސީޒަން ނިމޭއިރު އެއްވަނައިގައި އޮންނާނީ ޗެލްސީ. އަހަރެން ބޭނުންވަނީ ކްލަބާއެކު ތާރީހު ލިޔެލަން،" ކުލިބާލީ ބުންޏެވެ.

ޗެލްސީއަށް ކުލިބާލީ ގެންދަން ބޭނުންވެ، ސީޒަނުގެ ކުރިން އެކަމަށް މަސައްކަތްކުރި ކޯޗަކީ ތޯމަސް ޓުޗެލްއެވެ. ޗެލްސީން ސީޒަން ފެށީ ޓުޗެލްއާއެކު ނަމަވެސް، ސީޒަންގެ ފުރަތަމަ ކޮޅުގައި އޭނާ ކޯޗުކަމުން ވަކިކޮށް، ކޯޗުކަން ހަވާލުކުރީ އިނގިރޭސި ކޯޗު، ގްރަހަމް ޕޮޓާއާއެވެ. ޕޮޓާއާއެކު ރަނގަޅު ކުޅުމެއް ޗެލްސީން ދައްކަމުންދާ ނަމަވެސް، އެ ކްލަބަށް އަދިވެސް ދެމެހެއްޓެނިވި ފޯމެއްގައި ކުޅެވިފައެއް ނުވެއެވެ.

"އަހަރެން ޗެލްސީއަށް އައީ ކޮންމެހެނެއް ހަދާފައިވެސް އަހަރެން ޗެލްސީއަށް ގެންނަން ބޭނުންވި ކޯޗެއްގެ އެދުމަށް. މިހާރު ޓުޗެލް ނެތް ނަމަވެސް މާ ބޮޑު އުނދަގުލެއް ނެތް. ޕޮޓާވެސް ކުޅެނީ ޓުޗެލްގެ ސްޓައިލްގައި. އަހަރެން ނަޕޯލީގައި ކުޅުނު ސްޓައިލަކަށް ނޫން ދެ ކޯޗުންވެސް ކުޅެނީ. އަހަރެން ނަޕޯލީގައި ކުޅުނު ތަފާތު ފޯމޭޝަނަކަށް ނަމަވެސް، މިހާރު މިދަނީ ދަސްކުރަމުން،" ކުލިބާލީ ބުންޏެވެ.

ކުލިބާލީ ޗެލްސީއަށް މިހާތަނަށް ކުޅުނީ 11 މެޗެއްގައެވެ. އޭގެ ތެރެއިން އެއް މެޗުގައި ކުލިބާލީއަށް ރަތް ކާޑު ދައްކާފައިވެއެވެ.

ކުލިބާލީ ކުރިން ކުޅުނު ނަޕޯލީ މިހާރު ފޯމުގައި ސެރެއާ އޭގެ އެއްވަނައިގައި އޮތް އިރު، މިހާތަނަށް ސީޒަނުގައި އެޓީމުން ކުޅުނު މެޗަކުންވެސް ބަލިވެފައެއް ނުވެއެވެ.