ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނެގި ހަ ފުޅި ބަނގުރާ ފުޅިތައް ހޯދާފައިވާ ކަމަށެވެ. އަދި އެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 23 އަހަރުގެ ބިދޭސީއަކާއި 34 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.