ހައި ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށް ވެސް ބެލޭނެ ގޮތް ހަދަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ބަދަލު ގެނައީ، ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅި ބިލު ދިރާސާ ކުރުމަށް ކޮމިޓީން ކުރިއަށްގެންދިޔަ މަަސައްކަތުގެ ތެރެއިންނެވެ.
ނަމަވެސް އެއީ ސަރުކާރުން ބިލު ހުށަހެޅި އިރު ގެންނަން ހިމަނާފައިވާ ބަދަލެއް ނޫނެވެ.
ކޮމިޓީ ބިލު ދިރާސާކޮށް ފާސްކުރި އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފުގެ ކަންކަން ބަޔާންކުރާ 198 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި އެ ބަދަލު ގެންނަން ވަނީ ހިމަނައިފައެވެ.
އެ ބަދަލުގައި ބުނަނީ، ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައި އެއް ފަނޑިޔާރަށް ވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.
ކޮމިޓީން ގާނޫނަށް މި އިސްލާހު ގެނައި އިރު، ގާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ހައި ކޯޓުގެ މައްސަލަތައް ބަލައި ނިންމަން ވަނީ އޮނަހިރި އަދަދުގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށެވެ. އޭގެ އިތުރުން ކޯޓުތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ވެސް ބުނަނީ ހަމަ އެހެންނެވެ.
ކޮމިޓީން ގާނޫނަށް މި ބަދަލު ގެންނަން ފާސްކުރި ނަމަވެސް، އެކަމަށް ގޮތެއް ކަނޑައަޅާނީ އެ ބިލު މަޖިލިސް ތަޅުމަށް ހުށަހަޅައި ބަަހުސް ކުރުމަށްފަހު މަޖިލީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު