"ފުޓްބޯލް ފޯ ސްކޫލްސް"ގެ ދަށުން އިންޑިއާގެ ސްކޫލްތަކަށް ހާއްސަ ޕްރޮޖެކްޓެއް އެގައުމުން ފީފާއާއެކު އިއުލާނުކޮށްފިއެވެ.
ސަރަހައްދީ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި މިވަގުތު އޮތް އިންޑިއާއިން ފުޓުބޯޅައިގެ ގްރާސް ރޫޓަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފީފާއާއެކު އެއްބަސްވި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓް ބާއްވާފައި ވަނީ އެގައުމުގައި މީގެ ދެ ދުވަސްކުރިން ކާމިޔާބުކަމާއެކު ނިންމާލި ފީފާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްގެ ފައިނަލް ކުޅެވުނު ދުވަހުއެވެ.
އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްގެ ކާމިޔާބުކަން ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ފާހަގަކުރައްވާފައިވާ އިރު، އިންޑިއާގެ ސްކޫލް ފުޓުބޯޅަ ޕްރޮޖެކްޓުގައި ފީފާގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިންފަންޓީނޯއެވެ.
އިންޑިއާގެ ސްކޫލުތަކުގެ 25 މިލިއަން ކުދިންނަށް އަމާޒުކޮށް ހިންގަން ރާވާފައިވާ ޕްރޮޖެކްޓަށް ފީފާއާއެކު އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ސްކިލް ޑިވަލޮޕްމަންޓް އެންޑް އެންޓަޕްރެނިއާޝިޕް ޝްރީ ދަރްމެންދްރާ ޕްރަދަން އަދި ފުޓުބޯޅަ އިދާރާގެ ރައީސް ކަލްޔަން ޗައުބޭއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ސްކޫލް ޕްރޮގްރާމަކީ ފުޓުބޯޅަ އެކަނި ކުދިންނަށް ދަސްކޮށްދެވޭނެ ޕްރޮގްރާމެއް ނޫން ކަމަށާއި އެ ޕްރޮގްރާމުގެ ދަށުން ކުދިންނަށް ދިރިއުޅުމުގެ ހަރުދަނާ ސިފަތަކާއި ހާއްސަ ވޮކޭޝަނަލް ތަމްރީނުތައްވެސް ދެވޭނެ ކަމަށެވެ. އޭގެ ސަބަބުން ފުޓުބޯޅައިގެ ތެރެއިން ދުނިޔެއަށް ހެޔޮ ބަދަލު ގެނައުމުގެ ޕްލޭނުގެ ދަށުން ކުރެވޭ ދަރުމަވެރި މަސައްކަތުން ހާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ހާސިލުކުރަން ފަސޭހަވާނެ ކަމަށެވެ.
ފީފާގެ ސްކޫލް ޕްރޮޖެކްޓުގެ ދަށުން ތައުލީމާއެކު ފުޓުބޯޅައިގެ ގްރާސްރޫޓް ކުރިއަރުވަން ފުރުސަތު ފަހިވެގެންދާ އިރު، އެ ޕްރޮޖެކްޓުން ކަށަވަރު ކުރާ އެއް ކަމަކީ އަންހެން އަދި ފިރިހެން ކުދިންނަށްވެސް ފުޓުބޯޅައިގެ ފުރުސަތު ހަމަހަމަކޮށް ލިބިގެން ދިޔުމެވެ. އަދި ހާއްސަކޮށް ސްޓޭކް ހޯލްޑަރުންނާއެކު ތައުލީމީ ނިޒާމުގެ ތެރެއިން ކުޅިވަރު، ހާއްސަކޮށް ފުޓުބޯޅައިގެ ހުނަރާއެކު ދިރިއުޅުމުގެ ހަރުދަނާ އުސޫލުތައް ކުދިންނަށް ދަސްވެގެންދާނެ ޕްރޮގްރާމްތައް، ފީފާގެ ފުޓްބޯލްޑް ފޯ ސްކޫލްސް ޕްރޮގްރާމުން ހިންގާނެއެވެ.
ފީފާގެ އެ ޕްރޮގްރާމަކީ ޔޫއެންގެ ސަސްޓައިނެލިބަލް ގޯލްސްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް ތައްޔާރުކޮށްފައިވާ ހަރުދަނާ ޕްރޮގްރާމެކެވެ.