ޖުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ވޯލްޑް ކަޕް ގެއްލޭނެ ކަމަށް އެޖެންޓް ރަފޭލާ ޕިމެންޓާ ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާއަށް އަނިޔާވިކަން ޔުވެންޓަސްއިން އިއުލާނުކުރީ މިސީޒަނަށް ތައްޔާރުވާން ކުޅުނު ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އެ މެޗުގައި ޔުވެންޓަސްއިން މެކްސިކޯގެ ޗީވާސް ގުއަޑަލަޖާރާއާ ދެކޮޅަށް ކުޅެފައިވާ އިރު، މެޗަށްފަހު ޕޮގްބާ ބުނެފައި ވަނީ އޭނާގެ ކަނާތު ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. ޓެސްޓުތަކުން ދެއްކި ގޮތުގައި މެޗުގައި އަނިޔާވީ ޕޮގްބާ ކަކުލުގެ މެނިސްކަސްއަށެވެ.

ރަނގަޅުވުމަށް ސާޖަރީއަކަށް ނުގޮސްވާނެ ގޮތެއް އޮތް ކަމަށް ޑޮކްޓަރުން ބުނުމުން ދުވަސްތަކެއްގެ ރިހިބްލިޓޭޝަނަށްފަހު ޕޮގްބާ މިދިޔަ ހަފުތާ ތަމްރީނުތަކަށް ނުކުމެފައިވެސްވެއެވެ. ޕޮގްބާ ތަމްރީނުތައް ނުކުތުމުން އޭނާ ވޯލްޑް ކަޕް ފެންނާނެ ކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް، އެޖެންޓް ޕިމެންޓާ ބުނެފައި ވަނީ ޕޮގްބާއަށް ޔަގީންކޮށްވެސް ވޯލްޑް ކަޕް ގެއްލޭނެ ކަމަށެވެ.

"އިޓަލީގެ ޓޮރީނޯ އާއި ޕިޓްސްބާގުގައި ހެދި ރިވިއުތަކުން އެނގުނު ގޮތުގައި ޕޮގްބާގެ އަނިޔާއިން ރަނގަޅުވުމަށް އިތުރު ވަގުތު ބޭނުންވާނެ. އެ ސަބަބައްޓަކައި ގަތަރުގައި ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕްގައި އޭނާ ނުކުޅޭނެކަމުގެ ޔަގީންކަން ވަނީ ލިބިފައި،" ޕިމެންޓާ ބުންޏެވެ.

އިޓަލީގެ ނޫސްތަކުން ބުނެފައި ވަނީ ޕޮގްބާގެ ކަކުލުގެ އިތުރުން ފަލަމަސްގަނޑަށްވެސް މިހާރު އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އަނިޔާގެ ތަފުސީލުތަކެއް އަދި މިހާތަނަށް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ، އެނބުރި ޔުވެންޓަސްއަށް މި ސީޒަނަށް ދިޔައީ މެންޗެސްޓާ ޔުނައިޓެޑްގެ އެއްބަސްވުން ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްގައެވެ. ޕޮގްބާއަކީ ފްރާންސްގެ ގައުމީ ޓީމަށް މުހިންމުވާނެ ކުޅުންތެރިއެކެވެ. ޔުނައިޓެޑްގައި ފޯމު ދަށްކޮށް ފެނުނު ނަމަވެސް އަބަދުވެސް ފްރާންސް ޓީމުގައި ޕޮގްބާގެ ފޯމު ފެންނަނީ ރަނގަޅަށެވެ.

ޕޮގްބާއަށް އަނިޔާވުމުގެ އިތުރުން، ފްރާންސްގެ މިޑްފީލްޑަށް ވަނީ އެންގޯލޯ ކަންޓޭއަށް އަނިޔާވުމުގެ މަޔޫސްކަންވެސް ކުރިމަތިވެފައެވެ. ޕޮގްބާ އާއި ކަންޓޭއަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ނެގި ފްރާންސް ޓީމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ދެ ކުޅުންތެރިންނެވެ.