ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން ގަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނާ ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ މެނމްބަރު އަހުމަދު ތޯރިގެވެ.
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކޮށް 22 އޮގަސްޓު 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މި މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވަނީ ވިދާޅުވެފައެވެ.
މެމްބަރު ތޯރިގު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ދައުވާކުރާ މައްސަލައިގައި ޒަމާނުއްސުރެ، ރާއްޖެއިން އަމަލުކުރަމުން އަދި ދަމަހައްޓަމުން އަންނަ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ސިޔާދަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ބައެއް އުނިވާ ކަމަށެވެ.
އެހެންވެ، ރައީސް ސޯލިހު ފޮނުއްވި އެ ސިޓީފުޅުގެ ސަބަބުން، ގާނޫނުއަސާސީގެ ތިންވަނަ މާއްދާއިން ކަނޑައަޅާފައިވާ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމަކަށް ވާތީ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ ސިޓީ ގެންނަވައި، މައްސަލަ ބައްލަވައިދެއްވުމަށް އެދޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ފޯޅަވަހި މައްސަލައިގައި މި އަހަރު އދ. ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާ ކަމަށެވެ. އެ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ.
އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އަސަރު ނުކުރާނެ ކަމަށް އޭޖީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު