ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި، 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު، މެމްބަރުން ދިރާސާ ކުރައްވަމުން ގެންދަވާއިރު، ކަމާބެހޭ ގާނޫނުތަކާއި ރައްޔިތުން އެދޭ ކަންތައްތަކާއި ދިވެހި ދައުލަތުގެ އިގުތިސޯދަށާއި މާލިއްޔަތަށާއި ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުމަށް އޮތް ބުރައާ މެދު ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ބަޔާން ހުށަހަޅުއްވައި ނިންމެވުމުން، މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓްފޮތް ބެއްލެވުމަށް މިއަދުން ފެށިގެން އަށްދުވަސް މަޖިލިސް މެންބަރުންނަށް ދެއްވާނެ ކަމަށެވެ. އެއަށްފަހު އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުވެސް މަޖިލިސް ތަޅުމުގައި ބަޖެޓް ބަހުސް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހުށަހެޅި ބަޖެޓް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ފޮނުއްވެވިކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ބަޖެޓް ރިޕޯޓު އަންނަ މަހު 17 ގައި މަޖިލިސް ރައީސަށް ފޮނުވަން ވާނެ ކަމަށެވެ. އެއަށްފަހު ބަޖެޓަށް އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމަށްފަހު އަންނަ މަހުގެ 21 އިން 23 އަށް، އިސްލާހުތަކާ އެކު މުޅި ބަޖެޓަށް ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، 30 ނޮވެމްބަރާ ހަމައަށް ބަޖެޓް ފާސްކުރުމަށް ފުރުސަތު އެބައޮތް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ދިރާސާ ކުރުމުގައި މެންބަރުން ވަރަށް ރަނގަޅަށް ބަޖެތް މުތޯލިއާ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން "މެންބަރުން ބަޖެޓް މުތޯލިއާ ކުރާއިރު، ބަޖެޓުގެ ގާނޫނަށާއި މާލިއްޔަތުގެ ގާނޫނާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން އެދެމުންދާ ކަންކަމަށާއި ދިވެހި ދައުލަތުގެ އިގުތިސޯދަށާއި ދިވެހި ދައުލަތުގެ މާލިއްޔަތަށާއި ދަރަނި އަނބުރާ ދެއްކުމަށް އޮތް ބާރާއި އޮތް ބުރަ އާއި މި އެންމެ ކަންކަމަށް ވިސްނަވައި މެމްބަރުން ބަޖެޓް ފާސްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހުށަހެޅުއްވިއެވެ.

ލޯނުތައް ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކަން ޖެހޭ ފައިސާ އުނި ކުރުމަށްފަހު، ދައުލަތުގެ ސީދާ ހަރަދުތަކަށް ބަޖެޓްގައި ވަނީ 40.6 ބިލިއަން ރުފިޔާ ހިމަނައިފައެވެ.