ޚަބަރު

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރު 1.8 ބިލިއަން ރުފިޔާ ހިމަނައިފި

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރު 1.8 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހާއެކު މާލީ ބާރުވެރިކަން ކައުންސިލްތަކަށް ލިބިފައިވާ އިރު، ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ކަނޑައަޅައި ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކައުންސިލްތައް މަދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ލިބޭ އާމްދަނީއާއި ކައުންސިލްގެ އިހުތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ހަމަޖެހިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރު ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދޭން 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، 2021 ވަނަ އަހަރު ކައުންސިލްތަކަށް ދީފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އަދި މި އަހަރު އެ އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.