ޚަބަރު

ސިއްހީ ހިދުމަތްތެރީންގެ އަދަދު އިތުރުކޮށް މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

ސިއްހީ ހިދުމަތްތެރީންގެ އަދަދު އިތުރުކޮށް މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތު ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، ކޮވިޑުން ލިބުނު ފިލާވަޅުން، ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި މުޅި ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި ފަސް ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އެއީ މުޅި ބަޖެޓުގެ 12 ޕަސަންޓެވެ.

އެ ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާގެ ގިނަ މުވައްޒަފުންގެ މުސާރަ އާ އޮނިގަނޑަށް ބަދަލުކުރުމަށް 493.2 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، 1000 ސިއްހީ ހިދުމަތްތެރިން އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަސައްކަތްކުރާ ކަމަށެވެ.

ރަނގަޅު ސިއްހީ ފަރުވާ ލިބިގެން ދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އެދުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.