ފެނާއި ނަރުދަމާގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 643 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އަދި 21 ވަނަ ގަރުނުގައި ރާއްޖޭގެ ރައްޔިތުން ސާފު ފެން ބޭނުންކުރެވޭނެ ގޮތެއް ނެތިފައި ތިބުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި މިފަދަ އަސާސީ ކަންކަން ފުރިހަމަވެފައި އޮތުމަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ރާއްޖޭގެ 158 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި 643.8 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ހިނގަމުން ނުދާ އެއްވެސް ރަށެއް އަންނަ އަހަރުގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ އަދި އަލަށް ފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން ކަނޑައަޅާފައިވަނީ 567.2 މިލިއަން ރުފިޔާއެވެ.
އޭގެ ތެރޭގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން 34 ރަށެއްގައި މިހާރު ހިންގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 191.3 މިލިއަން ރުފިޔާ، އޮފިޑާއި ކުވައިތް ފަންޑާއި އައިޑީބީގެ ލޯނުން ކުރިއަށްގެންދާ މަޝްރޫއުތަކަށް 112.9 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. ޑޮމެސްޓިކް ބަޖެޓުންނާއި މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކޮށްގެން އެކި ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކަށް 305.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތައްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު