ރައްޔިތުންގެ އާންމު ދަތުރުފަތުރުގެ ސަބްސިޑީގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި 300 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށާއި މީހުން ގުޅިފައި ތިބުމަކީ ތަސައްވުރުކުރާ ޖަޒީރާ ތަރައްގީގެ މުހިއްމު އުންސުރެއް ކަމަށެވެ. އެގޮތުން ރާއްޖެ ޓްރާންސްޕޯޓު ލިންކުން ހަގީގަތަކަށް ހަދައިދެނީ މި ތަސައްވުރު ކަމަށާއި އާރު.ޓީ.އެލްގެ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

"ބޮޑު ތިލަދުންމަތި އެވަނީ އެފަސޭހައިގެ ތެރޭގައި. ފަސޭހަކަމާއެކު، ބާރަށް ދުވާ ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅުން ކޮންމެހެން މުހިންމު. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރުޓީއެލްގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނައި، ގަތާލުމަށް ކުރަން ޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރުޓީއެލުން އީކުއޭޓާ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހައިލެވޭނެ." އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކަނޑުދަތުރުފަތުރުގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ލުއިފަސޭހަވެސް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭގެ އެއްގަމު ދަތުރުފަތުރަށް ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭގެ އެތެރޭގައި މިނީބަހުގެ ހިދުމަތް ފެށިގެން ކުރިއަށްދާ ކަމަށާއި މާލެއާއި ހުޅުމާލެވެސް ބަހުގެ ހިދުމަތުން ގުޅާލެވިފައިވާ ކަމަށެވެ. އަދި ގްރޭޓާ މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ލާމު އަތޮޅުގައިވެސް ބަހުގެ ހިދުމަތް ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ.

މި ހިދުމަތް އަތްފޯރާ އަގެއްގައި ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 300.6 މިލިއަން ރުފިޔާ ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ހިމެނިފައިވާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ލަފާފުރުމުގައި ހުރި ދަތިތަކަށްވެސް ހައްލު ލިބިގެން ކަމަށް އަމީރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑުކުރުމުގެ މަޝްރޫއުތައް ހިމަނާފައިވާނެ ކަމަށާއި 50 އަށްވުރެ ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.