ތެލަށް ދޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކޮށް އާސަންދަ ބޭސް އަގުހެޔޮކޮށްގެން ބަޖެޓަށް ބޮޑު ލުޔެއް ހޯދަން ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ މި ބަޖެޓަކީ ކޮވިޑް-19ގެ އިގުތިސާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ހަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު ކަމަށެވެ. އަދި މި ބަޖެޓަކީ ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް ހުށަހެޅި ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ވުރެ ތިރިކޮށް، ދައުލަތުގެ އާމްދަނީން ރިކަރަންޓް ހަރަދު ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ހަ ބިލިއަން ރުފިޔާގެ އެޖަސްޓްމަންޓެއް ގެންނަންޖެހޭ ކަމަށެވެ. އަދި މި އެޖަސްޓްމަންޓް، އާމްދަނީއާއި ހަރަދުގެ ސިޔާސަތުތަކުން ބަހާލައިގެން އެއްވަރަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ފިޔަވަޅުތަކުން 2023 ވަނަ އަހަރުގެ ބަޖެޓުން މާލީ ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ. 2023ގެ ބަޖެޓު ވެގެންދާނީ އުއްމީދީ ބަޖެޓަކަށް. ސަބަބަކީ ބަޖެޓުގައި ގިނަގުނަ ކަންކަން ރޭވިފައިވުން. ކޮންމެ ދާއިރާއަކުން ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓު ކުރެވިފައިވުން،" އަމީރު ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓް ކުޑަކުރުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ރޭޓުތައް ބަދަލުކުރުން ބަޖެޓުގައި ވަނީ ހިމަނައިފައެވެ. މި ބަދަލުން އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރުވާއިރު، ހަރަދުތައް ކުޑަކުރުމުން ތިން ބިލިއަން ރުފިޔާ ސަލާމަތްކުރެވެއެވެ.

އަމީރު ވިދާޅުވި ގޮތުގައި ހަރަދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ތެލަށް ދޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި އާސަންދައާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކުރުން ހިމެނެއެވެ. އެގޮތުން އަގުހެޔޮކޮށް، ބޭސް ހޯދޭނެ ގޮތްތައް ހޯދުމާއި، އާސަންދައިގެ ބޭސްލައިން އަގުތައް މުރާޖައާކުރުން ފަދަ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަމަށާއި އޭގެ އިތުރުން، ޖުމުލަ ގޮތެއްގައި ހަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައި، ހަރަދުގެ އެފިޝަންސީ މަތިކުރުމުގެ މަސައްކަތްކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.