2023 ވަނަ އަހަރަށް ލަފާކޮށް 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ދެންމެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ލޯނުތައް ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކަން ޖެހޭ ފައިސާ އުނި ކުރުމަށްފަހު، ދައުލަތުގެ ސީދާ ހަރަދުތަކަށް ބަޖެޓްކޮށްފައި ވަނީ 40.6 ބިލިއަން ރުފިޔާ އެވެ.
އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ.
ބަޖެޓާއި ހަރަދާ ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާއެވެ.
މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ތަކެއްޗާއި ހިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ހަރަދުތަކަށް 5.6 ބިލިއަން ހިމަނާފައިވާއިރު ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ހަރަދުކުރަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށެވެ. އެއީ ތަރައްގީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 8.4 ބިލިއަން ރުފިޔާއެވެ.
ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ހިމަނައިފައެވެ.
އަންނަ އަހަރުގެ ޑެފިސިޓް 8.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 8.1 އިންސައްތައެވެ. ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ ފަސް ބިލިއަން ރުފިޔާ އެވެ. މިއީ ފިސްކަލް ސްޓްރެޓެޖީގެ ޓާގެޓާ އެއްގޮތަށް ޖީ.ޑީ.ޕީގެ ނިސްބަތުން 4.8 އިންސައްތައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2023ގެ ޑެފިސިޓާއި ދަރަނި އަދާކުރުމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފާ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަމަށެވެ.
އޭގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައި ވަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި، މީގެ ތެރޭގައި މަޝްރޫއުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ހަރަދުވާނެކަމަށް ބެލެވޭ 4.1 ބިލިއަން ރުފިޔާ ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން 150 މިލިއަން ޑޮލަރު ހޯދުމަށް ކަމަށާއި، އެތެރޭގެ ފަރާތްތަކުން ފަސް ބިލިއަން ރުފިޔާ ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރެއިން 7.4 ބިލިއަން ރުފިޔާއަކީ ޓްރެޝަރީ ބިލު އިތުރަށް ވިއްކުމަށް ރޭވިފައިވާ ފައިސާ، ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، މިހިނގާ 2022 ވަނަ އަހަރަށް ދައުލަތުން މަޖިލީހަށް ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ކޮމިޓީން ބައެއް ދާއިރާތަކުން އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު