ކޮވިޑް-19ގެ ކުރީން އިގުތިސާދު ހުރި މިންވަރަށް މިއަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދު އިޔާދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް އިގްތިސޯދީ ޝޮކެއް ކުރިމަތިވިކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓި، ވިޔަފާރިތައް މަޑުޖެހި، ބަނގުރޫޓްވުމުގެ ތުންފަތް މައްޗަށް ހާލަތު ދިޔަ ކަމަށެވެ.

ކޮވިޑާ ގުޅިގެން، 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، 34.5 ޕަސަންޓް ދަށަށް ގޮސްފައިވެއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑްގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވި ހާލަތުން އަރައިގަނެވުނީ، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ބޯޑަރު ހުޅުވައި، ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ސަރުކާރު މުވައްޒަފުންގެ މުސާރަ ހުއްޓުމަކަށް ނުގެނެސް އިގްތިސޯދު ކޮޅަށް ޖަހަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން ހިކުމަތްތެރިކަމާއެކު އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން، އިރާދަ ކުރެއްވިއްޔާ، ކޮވިޑްގެ ކުރިން އިގްތިސޯދު ހުރި މިންވަރަށް މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު އަނބުރާ އިއާދަވާނެ. އެއާއެކު ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކަނޑައަޅާފައިވާ މާލީ ސިޔާސަތުތައް، ނޯމަލައިޒްކޮށް އާންމު ހާލަތަށް ގެންނަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ހާލަތުން އަރައިގަނެވުނު އިރު، މުޅި ދުނިޔޭގެ އިގްތިސޯދީ ތަރުތީބަށް ބަދަލު ގެނުވައިވާނެ ހާލަތުތަކެއް މިއަދު އަލުން އުފަންވެފައިވާ ކަމަށެވެ. އެގޮތުން ރަޝިޔާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާކަމަށާއި ތަރައްގީވެފައިވާ ގައުމުތަކުގެ އިންފްލޭޝަން ރޭޓު މަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.