އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވެސްޓް ހަމް ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑުގެ ތާރީހީ އޯލްޑްޓްރެފޯޑުގައި މިރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބާކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ ޔުނައިޓެޑަށް ހާއްސަ މެޗެކެވެ. މެޗު ކުޅެން ޖެހުނީ ތާރީހީ ކްލަބު، ޔުނައިޓެޑްގެ 85 ވަނަ އަހަރީ ދުވަހުގައެވެ. ކްލަބުގެ ތާރީހުގައި 4163 އާ ގާތްކުރާ އަދަދަކަށް މިހާރު މެޗު ކުޅެފައިވާ އިރު، މިރޭގެ މެޗުގައި މާކަސް ރަޝްފޯޑު ޖެހީވެސް ހާއްސަ ގޯލެކެވެ.

މެޗުގެ 38 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ޖެހީ އޭނާގެ ޔުނައިޓެޑްގެ ކެރިއަރުގައި ޖެހި 100 ވަނަ ގޯލެވެ. ޔުނައިޓެޑުގައި މުޅި ކެރިއަރު ހޭދަކުރާ، އެ ކްލަބުގެ އެކަޑެމީ ޕްރޮޑަކްޓް ރަޝްފޯޑު އެ ގޯލު ޖެހީ 318 މެޗުންނެވެ. ޔުނައިޓެޑްގެ ދިގު ތާރީހުގައިވެސް އެކްލަބުގެ އެންމެ ބޮޑު ޝަރަފަކީވެސް އެކަޑެމީ ކުޅުންތެރިންނެވެ.

ނަވާރަސަތޭކަ ތިރީސް ހަތްވަނަ އަހަރުން ފެށިގެން އެޓީމުގެ ސީނިއާ ޓީމުގެ ކޮންމެ ޓީމެއްގައި މިއަދާ ހަމައަށްވެސް އެކަޑެމީ ކުޅުންތެރިއެއްގެ ހިއްސާ އެބައޮތެވެ. ރަޝްފޯޑަކީ މި ފަހުގެ ޖީލަށް ޔުނައިޓެޑުން ނެރުނު އެންމެ ރަނގަޅު ޕްރޮޑަކްޓްވެސް މެއެވެ.

ޔުނައިޓެޑުން މިރޭގެ މެޗުން މޮޅުވުމުގައި އެންމެ ބޮޑު ދައުރެެއް އަދާކުރީ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. ސްޕެއިން ކޯޗު ލުއިސް އެންރީކޭ، ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑުގެ ޕްރޮވިޝަނަލް ސްކޮޑުންވެސް ޑެހެއާއަށް ޖާގަ ދީފައި ނުވާ އިރު، އެ އުނިކުރުމަށް ޑެހެއާ މިރޭ ރައްދު ދިނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ޑެހެއާ ވަނީ މިޝޭލް އެންޓޯނިއޯއާއި ކާޓް ޒޫމާގެ އިތުރުން ޑެކްލަން ރައިސް ފޮނުވާލި ނުރައްކާތެރި ހަމަލާތައް މަތަކޮށްފައެވެ. އެންމެފަހުން ޔުނައިޓެޑުން ކުޅުނު ފަސް މެޗުގައިވެސް އެޓީމު ބަލިވެފައި ނުވާ އިރު، 12 މެޗުން 23 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.