އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ނޮޓިހަމް ފޮރެސްޓް ކޮޅަށް ފަސް ގޯލު ޖަހައި، އާސެނަލް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ލީގުގައި މިރޭ އާސެނަލުން ފޮރެސްޓް ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލުން ވަނީ 12 މެޗުން 31 ޕޮއިންޓް ހަމަކޮށް، ތާވަލުގެ އެއްވަނަ ދަމަހައްޓައިފައެވެ. މިރޭގެ މެޗަށް ނުކުތް އިރު، ލީގު ތާވަލުގެ ދެވަނައިގައި އާސެނަލް އޮތް ނަމަވެސް މިހާރު އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީއަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ސިޓީއަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.
އާސެނަލަކީ މި ސީޒަނުގައި އެންމެ ފޯމު ރަނގަޅަށް ކުޅެމުން އަންނަ ޓީމުވެސް މެއެވެ. އެޓީމުން މިދިޔަ ހަފުތާ ޔޫރޮޕާ ލީގުގައި ކުޅުނު މެޗުން ބަލިވެފައި އޮތް ނަމަވެސް މިރޭގެ މެޗު ފެށީ ވަރުގަދަކޮށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އާސެނަލް ލީޑު ނެގީ ގެބްރިއަލް މާޓިނެލީ ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބުކަޔޯ ސަކާއެވެ.
ސަކާއަށް މެޗުގެ ކުރީކޮޅުގައިވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ، ދެ ފަހަރަކަށް ފަރުވާ ދޭން ޖެހިފައިވެއެވެ. އަނިޔާ ބޮޑުވަރުވެ، ކޯޗު މިކޭލް އާޓެޓާ ސަކާ ބާލާފައިވަނީ 27 ވަނަ މިނެޓުގައެވެ. ސަކާއަށް އަނިޔާވީ ރެނަން ލޮޑީ ކުރި ޓެކުލަކާ ގުޅިގެންނެވެ. އޭނާއަށް އަނިޔާވެ ބާލަން ޖެހުން ވެގެންދާނީ އާސެނަލްގެ އިތުރުން އިންގްލެންޑަށްވެސް މާޔޫސް ކަމަކަށެވެ.
ވޯލްޑް ކަޕަށް މަހަކަށްވުރެވެސް ކުޑަ ދުވަސްކޮޅެއް އޮތް އިރު، ސަކާއަކީ އިންގްލެންޑްގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ސަކާގެ ބަދަލުގައި މެޗަށް ނުކުތީ ރީސް ނެލްސަންއެވެ. މެޗުގައި އާސެނަލްގެ ދެވަނަ އަދި ތިންވަނަ ގޯލުވެސް ޖެހީ ނެލްސަންއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ނެލްސަން ފުލުފުލުގައި ދެ ގޯލު ޖެހި އިރު، މިރޭގެ މެޗުގައި ނެލްސަން ގޯލު ޖެހީ 2020 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަކަށެވެ.
އާސެނަލްގެ ހަތަރުވަނަ ގޯލު ތޯމަސް ޕާޓޭ ޖެހި އިރު، ފަސްވަނަ ގޯލަކީ މެޗުގައި މޮޅަށް ކުޅުނު މާޓިން އޮޑެގާޑް ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު