އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ލީޑްސް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވެ ލިވަޕޫލް އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ލިވަޕޫލަށް މިހާތަނަށް ސީޒަނުގައި ކުޅުނު 12 މެޗުން ހޯދިފައި ވަނީ 16 ޕޮއިންޓެވެ. އެއީ ވަރުގަދަ ޓީމުތަކާ ބަލާއިރު ދަށް ނަތީޖާއެކެވެ.
އަނިޔާގެ މައްސަލަތައް ދިމާވުމުގެ ސަބަބުން ޔާގަން ކްލޮޕަށް މާޔޫސްކަން ކުރިމަތިވެފައިވާ އިރު، އޭނާ ރޭގެ މެޗަށްފަހު ބުނެފައި ވަނީ ގަދަ ހަތަރަކަށް ވާދަކުރާނަމަ، ދެމެހެއްޓެނިވި ގޮތެއްގައި މޮޅުތަކެއް ހޯދެން ޖެހޭނެ ކަމަށެވެ.
"ޗެމްޕިއަންސް ލީގަށް ކޮލިފައިވާނަމަ ކޮންސިސްޓެންޓް ކުޅުމެއްގައި ކުޅެވެން ޖެހޭ. ލިވަޕޫލްގެ މި ކުޅުން ހައްލުކުރަން ޖެހޭ. ހިތްހަމަ ޖެހޭ ކުޅުމެއް ނޫން ރޭ ޓީމުން ފެނުނީ،" ރޭގެ މެޗަށްފަހު ކްލޮޕް ބުންޏެވެ.
ސީޒަނުގައި ލިވަޕޫލަށް ކުރި އެންމެ ބޮޑު ޓްރާންސްފާ، ޑާވިން ނުނޭޒްގެ ފަރާތުންވެސް އެންމެ އެކަށީގެންވާ ކުޅުމެއް ލީގުގައި އަދި މިހާތަނަށް ފެނިފައިނުވާ އިރު، ސީޒަނަށް ތައްޔާރުވަމުންދިޔަ އިރުވެސް ކްލޮޕްގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ ސްކޮޑުގައި ރަނގަޅު "ޑެޕްތެއް" ނެތުމެވެ. ސްކޮޑުގައި ފެންވަރު ރަނގަޅު ކުޅުންތެރިން މަދުވުމެވެ. ކްލޮޕް އޭރުވެސް ބުނަމުން ދިޔައީ އަނިޔާގެ މައްސަލަތައް ދިމާވާނެ ކަމަށާއި އެކަމަށް އޮތް ހައްލަކީ ކޮންމެ ޑިޕާޓްމެންޓަކަށްވެސް ކުޅޭ ރަނގަޅު ބެންޗް ކުޅުންތެރިންތަކެއް ތިބުން ކަމަށެވެ.
"އަހަރެން މައާފަށްވެސް އެދެން ބޭނުން. ލިވަޕޫލް ނޫން ބައިވަރު ކަންތައްތަކެއް ޓީމުން މިހާރު އެބަފެނޭ. އެކަމަކު އެކަންކަން ހިނގާ ގޮތް، ފުނަށް ގޮސްގެން ނަމަވެސް ހޯދައި، ހައްލުކުރަން ޖެހޭ. މެޗުތަކުގައި ހެދޭ ގޯސްތަކަށް ހައްލު ހޯދަން އަހަރެމެން މަސައްކަތްކުރާ އިރު، ދާއިމީ ހައްލަށްވެސް މި ކަންކަމަށް ވިސްނުން ހިންގަން ޖެހޭ،" ކްލޮޕް ކްލަބުގެ ވެރިންނަށްވެސް އަމާޒުކޮށް ބުންޏެވެ.
ކްލޮޕް ލިވަޕޫލާ ހަވާލުވެ، އެ ކްލަބަށް ރަނގަޅު ޓްރާންސްފާތެއް ކޮށް ކާމިޔާބީއާ ހަމަައަށް ވާސިލުވިއެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުވެސް ކްލޮޕާއެކު ލިވަޕޫލުން ހޯދާފައިވެއެވެ. އެހެން ނަމަވެސް އެ ކްލަބުގެ ވެރިންނާއި ކްލޮޕާ ދެމެދު މިހާރު ވަނީ ނުތަނަސްވުންތަކެއް އުފެދިފައެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އެހެން ބޮޑެތި ކްލަބުތަކާ ވާދަކުރަން ވެރިންގެ ފަރާތުން އެކަށީގެންވާ ފަންޑެއް، ޓްރާންސްފާއަށް ނުލިބުމެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު