އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ލެސްޓާ ސިޓީ ކައިރިން ހަނި މޮޅެއް ހޯދި އިރު، ޗެލްސީން މިރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ބްރައިޓަން ކައިރިން ބަލިވެއްޖެއެވެ.

ސިޓީން މިއަދު ކުޅުނު މެޗުގައި ލެސްޓާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ސިޓީން ނުކުތީ ފޯމުގައި ހުރި ފޯވަޑް އާލިން ހާލަންޑް ނުލައެވެ. ހާލަންޑް މިވަގުތު އަނިޔާގައި ހުރުމުން މެޗު ސްކޮޑުގައިވެސް އޭނާގެ ނަން ހިމަނާފައެއް ނުވެއެވެ. އެންމެފަހުން ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހާލަންޑް ހުރީ ހުން އައުމުގެ އިތުރުން ފައިތިލައިގެ އަނިޔާއެއްގައި ކަމަށެވެ.

މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު 12 މެޗުން 17 ގޯލު ޖަހައިފައިވާ ހާލަންޑް ޓީމުގައި ނެތުމުން ސިޓީއަށް ގޯލުޖަހަން އުނދަގޫތަކަކާ ކުރިމަތިވިއެވެ. ފުރަތަމަ ހާފުގައި ސިޓީގެ ބަނާޑޯ ސިލްވާ އާއި ޖާއޯ ކަންސެލޯ އަދި ޖޫލިއަން އަލްވަރޭޒްގެ ހަމަލާތައްވެސް ލެސްޓާ ސިޓީގެ ގޯލްކީޕަރު ޑެނީ ވާޑް މަތަކުރިއެވެ. އޭގެ އިތުރުން ރޮޑްރީ ބޮލުން ޖެހި ބޯޅަވެސް ޕަންޗުކޮށް ބޭރުކޮށްލީ ވާޑެވެ.

ލެސްޓާގެ ޑިފެންސް ލައިން ފޫއަޅުވާލަން ސިޓީއަށް އުނދަގޫތަކެއް ދިމާވެފައި ވަނިކޮށް، މެޗުގެ 49 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރޭނާގެ ޖާދުވީ ހިލޭ ޖެހުމަކުންނެވެ. 25 އަކަށް ޔާޑު ދުރުން ޑިބްރޭނާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައި ސިޓީއަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނެވެ.

އެ ތިން ޕޮއިންޓާއެކު މިވަގުތު ސިޓީ އެއްވަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާސެނަލް މިހަފުތާ ކުޅޭ މެޗުގައި މާދަމާ ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ނުކުންނަ އިރު، އެޓީމަށް 11 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.

ޗެލްސީން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ބްރައިޓަން ކައިރިން ބަލިވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކޯޗު ގްރަހަމް ޕޮޓާ މި ސީޒަނުގެ ފުރަތަމަ ހަވާލުވެ ހުރި ބްރައިޓަންއިން ޗެލްސީ ކޮޅަށް ހަތަރު ގޯލު ޖަަހައި އެޓީމު ބަލިކޮށްފައިވާ އިރު، މިރޭގެ ބައްޔަކީ ޕޮޓާގެ ކޯޗުކަމުގައި ޗެލްސީވި ފުރަތަމަ ބައްޔެވެ.

މިރޭގެ މެޗަށް ޗެލްސީން ނުކުތީ ފުލް ބެކްގެ މަގާމަށް ކުޅޭ ކުޅުންތެރިޔަކު ފުރަތަމަ 11 ގައި ނުހިމަނައި ތިން ސެންޓަ ޑިފެންޑަރުން އެކަނި ޑިފެންސްގައި ހިމަނައިގެންނެވެ. އެއީ ޓްރެވާ ޗަލޯބާގެ އިތުރުން ތިއާގޯ ސިލްވާ އާއި މާކް ކުކުރޭޔާއެވެ. ޗެލްސީ ކޯޗަށް ޑިފެންސުން އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ބެން ޗިލްވެލް އާއި ސެޒާ އަޒިޕިލިކުއެޓާއަށް ވަނީ ރެސްޓް ދީފައެވެ.

ފުރަތަމަ ހާފުގައިވެސް ބްރައިޓަންގެ ތިން ގޯލު ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރެއިން ދެ ގޯލަކީ ޗެލްސީގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލުތަކެވެ. ރުބެން ލޮފްޓަސްޗީކާއި ޗަލޮބާ އަތުން ބައިކޮޅަށް ގޯލުތައް ވަން އިރު، މެޗުގައި ބްރައިޓަންގެ ފުރަތަމަ ގޯލު ޖެހީ ލިއެންޑްރޯ ޓްރޮސާޑެވެ.

ޗެލްސީގެ ފުރަތަމަ 11 އަށް ނެރުނު ގޯލްކީޕަރު ކެޕާ އަރިޒާބަލާގާއަށް އަނިޔާވެ، ދެވަނަ ހާފަށް އެޑުއާޑް މެންޑީ ނެރެން ޖެހިފައިވާ އިރު، ހާފު ފެށިގެން ކުޑައިރުކޮޅެއް ތެރޭގައި ކައި ހަވާޓްސް ވަނީ ޗެލްސީއަށް ގޯލު ޖަހައިދީފައެވެ. އޭގެ ފަހުން ކްރިސްޓިއަން ޕުލިސިޗާއި ޕީއެ އެމްރިކް އޮބަޔަމާންއަށް ގޯލު ޖަހަން ފުރުސަތުތައް ލިބި ބޭކާރު ވެފައިވެއެވެ.

މެޗު ނިމިނިމި އޮއްވައި، ޗެލްސީ ކޮޅަށް ބްރައިޓަންއިން ހަތަރު ވަނަ ގޯލު ޖެހީ ކައުންޓާ އެޓޭކްގައެވެ. އެ ގޯލަކީ ޕަސްކަލް ގްރޮސް ޖެހި ގޯލެކެވެ.