މެންޗެސްޓާ ޔުނައިޓެޑް އޮތީ ފޯމަށް އެނބުރި އައުމުގެ މަގުމަތީގައި ކަމަށް ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ފުޓުބޯޅައިގެ އެންމެ ތާރީހީ އެއް ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ސާ އެލެކްސް ފާގަސަން އެ މަގާމު ދޫކޮށްލިފަހުން އެޓީމަށް ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދިފައެއް ނުވެއެވެ. ދޭތެރެއަކުން ރަނގަޅު ފޯމެއްގައި ޓީމު ފެނުނު ނަމަވެސް އެދެވޭ ގޮތެއްގައި ލީގުގައިވެސް ފޯމު ދެމެހެއްޓިފައެއް ނުވެއެވެ. 2013 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް ލީގު ލިބިފައިނުވާ އިރު، އެންމެފަހުން ތަށްޓެއް ހޯދީވެސް 2017 ވަނަ އަހަރުއެވެ. އެއީ ޖޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުގައެވެ.

ފާގަސަންގެ ފަހުން ޔުނައިޓެޑަށް ގިނަ ކޯޗުންތަކެއް ގެނެސްގެންވެސް ކާމިޔާބީއާ ހަމައަށް ދެވިފައިނުވާ އިރު، އެކަމުގެ ސަބަބުން ކްލަބު ވެރީންނަށްވެސް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވެ އެވެ. އެ ނުރުހުން ބޮޑުވެ، މި ސީޒަނަށް ޔުނައިޓެޑް ތައްޔާރުވީ ރަނގަޅު ޓްރާންސްފާތަކެއް ކޮށް، ކޯޗު އެރިކް ޓެން ހާގާ ޓީމު ހަވާލުކޮށްގެންނެވެ. ޔުނައިޓެޑުގެ ފެށުން ގޯސް ނަމަވެސް މިހާރު ވަނީ ފޯމު ބަދަލުކޮށްފައެވެ. އެންމެފަހުން ޔުނައިޓެޑުން ކުޅުނު ހަތް މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ޔުނައިޓެޑް ސީޒަނުގައި އެންމެފަހުން ބަލިވީ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީގައެވެ.

"އަހަންނަށް އެބަ އިހުސާސްކުރެވޭ ޔުނައިޓެޑް އެނބުރި އަންނަކަން. އެންމެފަހުން ޔުނައިޓެޑް އެނބުރި އަތުވެއްކަން އެނގޭ. އެންމެފަހުން ބުރާސްފަތި ދުވަހުގެ ރޭ ޝެރިފާ ދެކޮޅަށް އެޓީމުން ކުޅުނު މެޗުގެ އިތުރުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފަށް ބަލައިލިޔަސް ޔުނައިޓެޑްގެ ފޯމު އެނގޭ. މިހާރު ޔުނައިޓެޑް ކުޅޭ ކުޅުމަށް އަހަރެންވެސް ގަޔާވޭ. އެހެންވީމަ އެ ކްލަބުތައް ޗެލެންޖިން ވާން ފެށުމުން ލީގު އިތުރަށް އުނދަގޫވާނެ. ގަދަ ހަތަރެއްވެސް އުނދަގޫވާނެ،" ސިޓީއާއެކު މިދިޔަ ދެ ސީޒަނުގައިވެސް ލީގު ހޯދި ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ ނަޒަރުގައި ނިއުކާސަލްއަކީވެސް މިހާރު ލީގަށް އަދި ގަދަ ހަތަރަކަށްވެސް ވާދަކުރާ ޓީމެކެވެ. ގާޑިއޯލާ ބުނީ ނިއުކާސަލްއިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައިވެސް، ނިއުކާސަލްގެ ދެ ސެންޓަ ބެކުން ހެރީ ކޭންއާއި ހިއުންމިން ސަން މޭން މާކު ކުރި ގޮތަކީ ބޮޑެތި ޓީމުތަކުން ފެންނަ މަންޒަރުތައް ކަމަށެވެ.

ގާޑިއޯލާ އިތުރަށް ބުނީ ލީގުތަކުގެ ޝެޑިއުލް އޮންނަ ގޮތުން ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން އިހުސާސްކުރެވޭ ކަމަށާއި، އެންމެފަހުން ލީގުގައި ބްރައިޓަން ކައިރިން މޮޅުވި މެޗަށްފަހު ކުޅުންތެރިން ވަރުބަލިވެފައި ތިބިލަތް ބޮޑުކަމުން "އިންސްޓާގްރާމްވެސް ހުޅުވާނުލާ،" ކަމަށެވެ.