(21 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
أكــبــــــر شــاه خــــان ލިޔުއްވައިފައިވެއެވެ. سلطـــان بــايـــزيــد خــــان ކައުންޓާއި އޭނާގެ އެކުވެރީންގެ އަރިހުގައި އިތުރަށް ވިދާޅުވިއެވެ. "ތިޔަބޭފުޅުންވަނީ ނުޙައްޤުން އަޅުގަނޑުގެ ރަށަށް ޙަމަލަދެއްވުމުގެ ތަކުލީފު އުފުއްލަވައިފައެވެ. އަޅުގަނޑު މިހިރީ ހަންގޭރީއާއި، އޮސްޓްރިޔާއާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ފަތަޙަކުރާން ވަރުގަދަޔަށް ޢަޒުމު ކަނޑައަޅައިގެންނެވެ. އަޅުގަނޑުގެ އެދުމަކީ އިޓަލީގެ ރޯމަށްގޮސް ސެއިންޓް ޕީޓަރސްގެ ޤުރްބާންގާހުގައި އަޅުގަނޑުގެ އަހަށް މުގުމިރުސް ކާންދިނުމެވެ. އެހެންކަމުން މީގެފަހުން އަޅުގަނޑާ ތިޔަބޭފުޅުންނާ ބައްދަލުވާނީ ޚުދު ތިޔަބޭފުޅުންގެ ޤައުމުތަކުންނެވެ. "އެޑްވަޑް ކްރޭޒީ ވިދާޅުވާގޮތުގައި މިއީ سلطـــان بــايـــزيــد خــــان ވަރަށް ޢާންމުކޮށް ވިދާޅުވެއުޅުއްވާ ބޮޑާފުޅުކަމުގެ ބަސްފުޅެކެވެ. އިޓަލީ ފަތަޙަކުރައްވައި ރޯމުގެ ސެއިންޓް ޕީޓަރސްގެ ޤުރްބާންގާހުގައި އޭނާގެ އަސްކޮޅަށް މުގުމިރުސް ކާންދެއްވުމަކީ އޭނާގެ ހުވަފެންފުޅެކެވެ." (ޞަފުޙާ: 43)
سلطـــان بــايـــزيــد خــــان ޔިލްދިރިމްގެ ލަޝްކަރު ނައިކޯޕޯލިސްގެ ހަނގުރާމަޔަށްފަހު ވަނީ ވަލާޗިޔާއާއި ސްޓައިރިޔާއާއި ދެކުނު ހަންގޭރީއަށް ޙަމަލަދޭން ފަށައިފައެވެ. سلطـــان بــايـــزيــد އަމިއްލަފުޅަށް ހަންގޭރީގެ ވެރިރަށް ބޫޑާއަށް ޙަމަލަދެއްވަން ތައްޔާރުކުރެއްވިއެވެ. ނަމަވެސް ކުއްލި އާލާސްކަންފުޅެއްގައި އުޅުއްވާން ޖެހިވަޑައިގެންނެވުމުގެ ސަބަބުން ހަންގޭރީ ފަތަޙަކުރެއްވުން ލަސްކޮށްލެއްވިއެވެ.
سلطـــان بــايـــزيــد ޔިލްދިރިމް 1397މ. ގައި ޔޫނާނަށް ކުއްލި ޙަމަލައެއް ދެއްވިއެވެ. އޭނާ ތެސަލޯނިކާއާއި އެނޫންވެސް ބައެއް ސަރަޙައްދު ނުހަނު ފަސޭހަފުޅުކަމާއެކު ފަތަޙަކުރެއްވިއެވެ. ތެސަލޯނިކާއަކީ ޔޫނާނުގެ ދެވަނަޔަށް އެންމެބޮޑު ރަށެވެ. މަޤްދޫނިޔާގެ ދާރުލްޙުކޫމަތެވެ. އެ ފުތޫޙާތާ ވިދިގެން ޢުޘްމާނީ ދައުލަތުގެ ސަރަޙައްދުވަނީ ޔޫރަޕުގެ ޑައިނޫބުކޯރުން ފެށިގެން އޭޝިޔާގެ ފުރާތުކޯރާ ހަމަޔަށް ފުޅާވެފައެވެ. سلطـــان بــايـــزيــد އޭޝިޔާމައިނާގެ ސަރަޙައްދުގެ ވަރަށްބޮޑު ބައެއް (މަޤްދޫނިޔާއާއި، އުތުރު ބަލްގޭރިޔާއާއި ތެސަލޯނިކާ) އޭނާގެ ރަސްކަމާ އެއްކޮށްލެއްވިއެވެ. ބައިޒެންޓައިން ދައުލަތާއި ސާވިޔާއާއި ވަލާޗިޔާއާއި ބޮސްނިޔާއާއި ޔޫނާނުގެ ވަރަށްބޮޑު ސަރަޙައްދެއް ޢުޘްމާނީ ދައުލަތަށް ޖިޒީދޭ ދައުލަތްތަކެއްކަމުގައި ހަމަޖެއްސެވިއެވެ.
ނައިކޯޕޯލިސް ހަނގުރާމައިގައި ޔޫރަޕުގެ ލަޝްކަރުތައް ބަލިވުމުން މުޅި ޔޫރަޕްގައިވަނީ ހިތާމައާއި މޮޅިވެރިކަން ޢާންމުވެފައެވެ. بــايـــزيــد خــــان ވަނީ ޔޫރަޕުގައި ވަރަށްބޮޑަށް މަޝްހޫރުވެވަޑައިގެންފައެވެ. ޔޫރަޕުގެ ކުޑަކުދީންވެސް بــايـــزيــد ގެ ނަންފުޅު ދަނެއެވެ. އޭނާގެ ހިތްވަރުފުޅު ގަދަކަމެވެ. ބާރުފުޅު ގަދަކަމެވެ. ޢަސްކަރީ ޤާބިލިއްޔަތުގެ މަތިވެރިކަމެވެ. بــايـــزيــد خــــان ވިދާޅުވާ ފަދައިން އޭނާއަށް ރޯމުގެ އެންމެބޮޑު ފައްޅީގެ ޤުރްބާންގާހުގައި އޭނާގެ އަސްކޮޅަށް މުގުމިރުސް ކާންދެއްވިދާނެކަން ޔޫރަޕުގެ ހުރިހައި ރަސްރަސްކަލުންނަށްވަނީ ޤަބޫލުކުރެއްވިފައެވެ. އޭނާ އެކަން ނުކުރައްވައި ހުއްޓައިނުލައްވާނެކަންވެސް ވަނީ ޔަޤީންކުރެއްވިފައެވެ.
بــايـــزيــد ޤަޞްދުކުރެއްވީ ޔޫރަޕުގެ މައިދާނުގައި އިތުރަށް ކުރިޔަށް ވަޑައިގެންނެވުމުގެކުރީން ޤުސްޠަންޠީނިއްޔާގެ ޤައިޞަރުގެ ވާހަކަ ނިމުމަކަށް ގެންނެވުމަށެވެ. ޤައިޞަރު އަބަދުވެސް بــايـــزيــد އާ ދެކޮޅަށް ނުބައި ރޭއްވެވުންތައް ރާއްވަވަމުން ގެންދަވާތީއެވެ. بــايـــزيــد ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިތަނާ بــايـــزيــد އަށް އެނގިވަޑައިގެންނެވީ ޤައިޞަރު أمـيـــــرتــيـــمــــــور ގެ އަރިހުން އެހީއަށް އެދިވަޑައިގެންފިކަމެވެ. بــايـــزيــد އަށް އެޚަބަރު ލިބިވަޑައިގެންނެވުމާއެކު އޭނާ ނުހަނު ފަސޭހަފުޅުކަމާއެކު ޤުސްޠަންޠީނިއްޔާ ޙިޞާރު ކުރައްވައިފިއެވެ. سلطـــان بــايـــزيــد އަށް އެ މުޙާޞިރާ އިތުރަށް ކުޑަދުވަސްކޮޅަކު ދެމެހެއްޓެވުނުނަމަ އޭނާ ޤުސްޠަންޠީނިއްޔާ ފަތަޙަކުރައްވާނެކަމީ ކަށަވަރުކަމެކެވެ. سلطـــان بــايـــزيــد އަށް އެރަށް ފަތަޙަކުރެއްވުމަށްފަހު ފާތިޙެއްގެ ޙައިސިއްޔަތުން ފަތަޙައިގެ ދިދަ ވިހުރުއްވަމުން ސީދާ ރޯމަށް ވަޑައިގެންނެވުނީހެވެ. އޭރު ޔޫރަޕުގެ ތަޤްދީރު އޮތީ بــايـــزيــد ގެ ލަޝްކަރުގެ އަސްތަކުގެ މޮށްގަނޑުތަކުގެ ދަށުގައެވެ. ނަމަވެސް ޤުސްޠަންޠީނިއްޔާ މުސްލިމުންގެ ފައިތިލަދަށުގައި ފަތުރައިލައްވާން ޤުދުރަތުން ކަނޑައަޅުއްވާފައިވާ ސުންގަޑި އަދި ނުޖެހެނީކަމުގައި ވެދާނެއެވެ.
ދިވެހިބަހުގައި ބާއްޖައިގެ އިދިބަހަކީ އަބާއްޖައެވެ. ނަމަވެސް މިތާނގައި އަޅުގަނޑު މިބޭނުންކުރީ ނުބާއްޖައެވެ. ދިވެހިބަހުގައި އިދިބަސް އުފެއްދުމަށްޓަކައި އަ އާއި ނު އާ ދެއަކުރުވެސް އަދި މިނޫން ބައެއް އަކުރުވެސް ބޭނުންކުރެވެއެވެ. ގިނަފަހަރަށް ބޭނުންކޮށްފައިހުންނަނީ ނު އެވެ. ރައްކާ ނުރައްކާ، ރުހުން ނުރުހުން، ކިޔަމަންތެރި ނުކިޔަމަންތެރި މިގޮތްގޮތަށެވެ. އަ ބޭނުންކުރުމުގެ މިސާލުތަކުގެ ތެރޭގައި ނިޔާ އަނިޔާ، ބާއްޖަ އަބާއްޖަ، ލަސް އަވަސް ފަދަ ބަސްތައް ހިމެނެއެވެ. މިތާނގައި އަބާއްޖަ ބޭނުންކުރުމުގެ ބަދަލުގައި އަޅުގަނޑު ނުބާއްޖަ ބޭނުންކުރީ ދިވެހިބަހުގެ ރަދީފުގައިވާގޮތުން އަބާއްޖައިގެ އެއް މާނައަކީ "ތެދުމަގު ގެއްލިފައިވާ" ކަމުގައިވާތީއެވެ. أمـيـــــرتــيـــمــــــور ގެ މަސައްކަތްޕުޅުގެ ސަބަބުން އިސްލާމީ އުންމަތަށް ކިތަންމެ ހިތާމަވެރި ދެރަ ނަތީޖާތަކަކާ ކުރިމަތިލާން ޖެހުނުކަމުގައިވިޔަސް އޭނާއަކީ މުސްލިމަކު ކަމުގައިވާތީއެވެ. ޢުޘްމާނީ ދައުލަތުގެ ކުރިމަތީގައި އޭނާ ފާޅުވެވަޑައިގެންނެވި ފާޅުވެވަޑައިގެންނެވުމަކީ އަބާއްޖަވެރި ފާޅުވެވަޑައިގެންނެވުމެކޭ ނުދަންނަވާންވެގެންނެވެ.
بــايـــزيــد އޭނާގެ ރޯމު ފަތަޙަކުރެއްވުމުގެ ޢަޒުމުފުޅު ޢަމަލީގޮތުން ތަންފީޒުކުރައްވާން ފައްޓަވައި ދުނިޔޭގެ ޗާޓު ބަދަލުކޮށްނުލެއްވި އުޅުއްވަނިކޮށް އޭނާއަށް ލިބިވަޑައިގެންނެވީ أمـيـــــرتــيـــمــــــور އޭޝިޔާގެ ރަށްރަށް ސުންނާފަތިކުރައްވަމުން ތުރުކިއޭއާ ދިމާޔަށް ވަޑައިގަންނަވާ ޚަބަރެވެ. بــايـــزيــد خــــان އަށް މަޖްބޫރުވެވަޑައިގެންނެވީ ޤުސްޠަންޠީނިއްޔާގެ ޙިޞާރު ވަގުތުން ރޫޅައިލައްވައި އޭނާގެ ރަސްކަމުގެ ސަރަޙައްދު ސަލާމަތްކުރައްވަން أمـيـــــرتــيـــمــــــور އާ ހަނގުރާމަޔަށް ވަޑައިގަންނަވާށެވެ. މުސްލިމުންގެ ޢިލްމުވެރި މުއައްރިޚަކު ލިޔުއްވައިފައިވެއެވެ.
"تــيـــمــــــور އަކީ އެއްވެސްކަމަކަށް ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރަޙްމު ކުޑަކަމާއި ލޭއޮހޮރުއްވުމުގައި ޗަންގީޒުޚާނަށްވުރެ ސަހަލު ބޭފުޅެއް ނޫނެވެ. ހުސްއެކަނި ތަފާތަކީ ޗަންގީޒުޚާނަކީ އިސްލާމްދީނުގެ ދުޝްމިނެއްކަމުގައިވެފައި تــيـــمــــــور އަކީ މުސްލިމެއްކަމުގައި ދަޢުވާކުރައްވާ ބޭފުޅަކު ކަމުގައިވުމެވެ. ދެބޭފުޅުންގެ ޢަމަލުތަކަށް ބަލާއިރު ދެބޭފުޅުން މުޅީން އެއްކަހަލައެވެ. އެހެނީ ދެބޭފުޅުންގެވެސް މުޅި ޢުމުރުފުޅުގައި ކަނޑިކޮޅުގެ ބޭނުންކުރެއްވީ މުސްލިމުންގެ ލޭއޮހޮރުއްވަވާށެވެ. މަސައްކަތްޕުޅަކަށް ހެއްދެވީ އިސްލާމީ ޤައުމުތައް ތަޅުއްވައި ވީރާނާކުރައްވައި އެކި ގާކޮޅުކޮޅު ވަކިވަކިކުރެއްވުމެވެ. تــيـــمــــــور އިންޑިޔަން ސަބްކޮންޓިނެންޓަށް ޙަމަލަދެއްވިއިރު ޤަޞްދުކުރެއްވީ ދިއްލީ އަންދަވައި އަޅިޔަށް ހައްދަވައިލެއްވުމަށްފަހު ކުރިޔަށް ވަޑައިގަންނަވާށެވެ. އެދުވަސްވަރު ޤުސްޠަންޠީނިއްޔާގެ ޢީސާއީ ރަސްގެފާނު ޤައިޞަރުގެ ސަފީރެއް تــيـــمــــــور ގެ އަރިހަށް ވަޑައިގެންފިއެވެ. ޤައިޞަރު ވަރަށްބޮޑަށް ނިކަމެތިވެވަޑައިގެން އާދޭހާއެކު އެދިވަޑައިގެންފައިވަނީ އޭނާއަށް އެހީތެރިވެވަޑައިގެން ދެއްވުމަށެވެ. އެއާއެކު ލިޔުއްވައިފައިވެއެވެ. "މަނިކުފާނުގެ ދުޝްމިނު سلطـــان أحمــد جـــلائـــــر އާއި قــــرا يـــوسف ތުރުކުމާނީ ތުރުކިސްތާނުން ފިލައިވަޑައިގެން ވަޑައިގެންވަނީ سلطـــان بــايـــزيــد ގެ އަރިހުން ޙިމާޔަތް ހޯއްދަވައިފައެވެ. މަނިކުފާނު އެކަމުގެ ބަދަލުހިއްޕެވުމަށްޓަކައި މިކޮޅަކަށް ވަޑައެއްނުގަންނަވާނުތޯއެވެ؟" ޤައިޞަރުގެ މި މެސެޖު ލިބިވަޑައިގެންނެވުމާއެކު أمـيـــــرتــيـــمــــــور ހިންދުސްތާނު ފަތަޙަކުރެއްވުމުގެ ޚިޔާލުފުޅު ދޫކޮށްލައްވައިފިއެވެ. ފަސްފަހަތަށް އެނބުރިވަޑައިގަންނަވާން ނިންމަވައިފިއެވެ." (ޖަންގެ އަންގޯރާ، ޑޮކްޓަރ عــاشـــق حسـيــن ބަޓާލަވީ)
މުސްލިމުންގެ ނަންހުރި މުއައްރިޚެއްކަމުގައިވާ مــــولانــا أكــبــــــر خــــان نجــيب آبــادى ވަނީ މި ހާދިސާ ތަންކޮޅެއް ތަފްސީލުކޮށް ލިޔުއްވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
"سلطـــان بــايـــزيــد خــــان ޔިލްދިރިމް ޔޫނާނާއި އެތެންސު ފަތަޙަކުރެއްވުމުން ޤައިޞަރު ވަރަށް ނިކަމެތިވެ ނުކުޅެދިވަޑައިގަންނަވާން ޖެހިވަޑައިގެންފިއެވެ. އޭނާ أمـيـــــرتــيـــمــــــور ގެ އަރިހަށް ޤާޞިދަކު ފޮނުއްވިއެވެ. އެ ޤާޞިދުގެ ޙަވާލުގައި ސިޓީފުޅެއްވެސް ފޮނުއްވިއެވެ. އެސިޓީފުޅުގައި ލިޔުއްވައިފައިވެއެވެ.
"އަޅުގަނޑުގެ ރަސްކަމަކީ ވަރަށް ޒަމާންވީ މުސްކުޅި ރަސްކަމެކެވެ. މުސްލިމުންގެ ނަބިއްޔާއާއި އެކަލޭގެފާނުގެ ޚަލީފާއިންގެ ދުވަސްވަރުގައިވެސް ޤުސްޠަންޠީނިއްޔާގައި އޮތީ އަޅުގަނޑުމެންގެ ރަސްކަމެވެ. އެއަށްފަހު ބަނޫއުމައްޔަތުގެ ދައުރުގައިވެސް ބަނޫޢައްބާސުގެ ޒަމާނުގައިވެސް ޚަލީފާއިން ގެންދެވީ އަޅުގަނޑުމެންނާ އެތަކެއްފަހަރު ޞުލްޙަވެވަޑައިގަންނަވަމުންނެވެ. (ޞުލްޙައިގެ މުޢާހަދާ ކުރައްވަމުންނެވެ.) އެއްވެސްބޭފުޅަކު އަޅުގަނޑުމެންގެ އަތުން ޤުސްޠަންޠީނިއްޔާ އަތުލައްވާކަށެއް ނުއުޅުއްވައެވެ. (މިއީ ޤައިޞަރު ލިޔުއްވާގޮތެވެ. ޙަޤީޤަތެއް ނޫނެވެ. އެ މައުޟޫޢަށް ފަހުން ދާނަމެވެ. إنشــاء اللّـــه - ފާރޫޤު) އެކަމަކު ޢުޘްމާނީ ރަސްގެފާނު މިހާރުވެސް އަޅުގަނޑުގެ ރަސްކަމުގެ ބޮޑުބައި އަތުލައްވައިފިއެވެ. ޤުސްޠަންޠީނިއްޔާވެސް މިހާރުވަނީ އޭނާގެ ދެ ދަތްޕިލާފުޅުގެ ދޭތެރޭގައެވެ. މިޙާލަތުގައި އަޅުގަނޑު މަނިކުފާނުގެ އެހީފުޅަށް މިއެދެނީ އިންތިހާދަރަޖަޔަށް މަޖްބޫރުވެގެންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންނަށް އެހީއަށް އެދެވޭނެ ފަރާތެއް މަނިކުފާނު މެނޫނީ ނުވެސްނެތެވެ. سلطـــان بــايـــزيــد خــــان ޔިލްދިރިމަކީ މުސްލިމަކު ކަމުގައިވެފައި އަޅުގަނޑުމެންނަކީ ޢީސާއީން ކަމުގައިވާތީ އެކަމާ މަނިކުފާނު ޚިޔާލުފުޅު ކުރައްވާކަމުގައިވާނަމަ ދަންނަވަމެވެ. سلطـــان بــايـــزيــد خــــان ގެންދަވަނީ މިފަރާތުން ޔޫރަޕުގައި މެދުކެނޑުމެއްނެތި ފުތޫޙާތުތައް ޙާޞިލުކުރައްވަމުންނެވެ. އޭނާގެ ބާރުފުޅު ނުހަނު ހަލުވިކަމާއެކު އެގެންދަވަނީ އިތުރުކުރައްވަމުންނެވެ. އޭނާއަށް ވަރަށް އަވަހަށް މިފަރާތުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާވަރު ކުރެއްވިދާނެއެވެ. މިފަރާތުން އޭނާގެ މަސައްކަތްޕުޅު ނިންމައިލެއްވުމަށްފަހު މަނިކުފާނުގެ ވެރިކަމުގެ ދަށުގައިވާ ސަރަޙައްދަށް ޙަމަލަދެއްވާނެކަމީ ކަށަވަރުކަމެކެވެ. އޭރަކުން އޭނާ ދެރަކޮށްލައްވާކަށެއް މަނިކުފާނަކަށްވެސް ފަސޭހަފުޅެއް ނުވާނެއެވެ. بــايـــزيــد خــــان ވަނީ سلطـــان أحمــد جـــلائـــــر އާއި قــــرا يـــوسف ތުރުކުމާނީ އޭނާގެ އަރިހުގައި ޢިއްޒަތްތެރި މެހްމާނުންގެ ގޮތުގައި ބައިތިއްބަވައިފައެވެ. އެއީ މަނިކުފާނުގެ އަރިހުން ފިލައިވަޑައިގެން ވަޑައިގެން ތިއްބެވި ދެ ބާޣީންނެވެ. އެ ދެ ބާޣީން ހުއްޓައިނުލައްވައި އެގެންދަވަނީ މަނިކުފާނާ ހަނގުރާމަކުރައްވާން بــايـــزيــد خــــان އަށް މަޝްވަރާ އަރުއްވަމުންނެވެ. މަނިކުފާނުގެ ބާޣީން بــايـــزيــد خــــان ގެ އަރިހުގައި ޢިއްޒަތުގައި ގެންގުޅުއްވުމަށްވުރެ ބޮޑަށް މަނިކުފާނުގެ ޤަދަރު ކުޑަކުރެއްވޭނެގޮތެއް އޮންނާނެތޯއެވެ؟ އެއަށްވުރެ ބޮޑަށް މަނިކުފާނުގެ ޙުރުމަތް ކަނޑުއްވައިލެއްވޭނެގޮތަކީ ކޮބައިތޯއެވެ؟ އެބޭފުޅުން އަނބުރައި ފޮނުއްވައިދެއްވާކަށެއްވެސް މަނިކުފާނަކަށް އެދިވަޑައެއް ނުގެންނެވޭނެއެވެ. އެހެންކަމުން މުނާސަބު ގޮތެއްކަމުގައި ފެންނަނީ މަނިކުފާނު ވެވަޑައިގެންނެވި އެންމެ އަވަސް މަގަކުން އޭޝިޔާމައިނާއަށް ޙަމަލަދެއްވުމެވެ. ޤުދުރަތީގޮތުންވެސް އޭޝިޔާމައިނާ އޮންނާންޖެހޭނީ މަނިކުފާނުގެ ބާރުފުޅުގެ ދަށުގައެވެ. سلطـــان بــايـــزيــد خــــان ގެ ފިތުނައިން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވަން ލަސްނުކުރައްވައި އަވަހަށް ވަޑައިގެންދެއްވުން އެދެމެވެ. އަޅުގަނޑުމެން ހުރިހައިގޮތަކުންވެސް މަނިކުފާނަށް މަދަދުވެރިވާނޫއެވެ."
(ނުނިމޭ)